ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލަން ތައްޔާރު ވަމުން އަންނަ ކަމަށް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އަވަސްއަށް ވިދާޅުވީ ފޭސް ދޭކުން ބިން ކުއްޔަށް ދޭން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
"މިހާރު އެކަމަށް ވާންޖެހޭ ތައްޔާރީތައް މި ދަނީ ވަމުން. ވަރަށް އަވަހަށް ހުޅުވާލާނަން،" ސުހައިލު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ހުޅުމާލެ ފޭސް ދޭކުން ބިން ވިއްކަން ހުޅުވައިލުމުގެ ހުއްދަ އެ ކުންފުނީގެ ބޯޑުން ވަނީ ދީފަ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި 240 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެވެ. ދެވަނަ ފިޔަވަހިން މީގެ ކުރިން އެއް ފަހަރު ބިން ހިއްކާފައިވެ އެވެ. އަދި 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ދުވަސްކޮޅު ހުޅުމާލެ ފޭސް ދޭކުން 1،000 އަކަފޫޓުގެ ބިމެއް 400،000 ރުފިޔާގެ މަގުން ވިއްކަން މަސައްކަތް ކުރި އެވެ. ނަމަވެސް އޭސީސީއިން އަންގައިގެން އެ މަސައްކަތް އޮތީ ހުއްޓާލާފަ އެވެ.