އެޗްޑީސީ

ސްމާޓް ސިޓީ: ހަލުއި އިންޓަނެޓާއެކު އަންނާނީ ކުރިއެރުން

Jun 12, 2021

އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ސިޓީތައް ވާންވާނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތައް އަދި އެހެނިހެން މުވައްސަސާ ތަކަށް ލުއި ފަސޭހަކަން ލިބިގެންދާ ތަނަށެވެ. ޒަމާނާއެކު ޓެކްނޮލޮޖީއަށް އަންނަ ހަލުވި ބަދަލުތަކާއެކު ސިޓީތަކުގައި ދިރިއުޅޭ އަދި ވިޔަފާރިކުރާ ފަރާތްތަކުން، ހިދުމަތް ހޯދުމާއި ލިބިގަތުމުގައި ފެންވަރު ރަގަޅު، އަވަސް ހިދުމަތްތަކަށް ބޭނުންވެ އެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުންނާއި އާންމު ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތައް ވެސް ހިމެނެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްފުއްދުމުގައި އިންޓަނެޓްގެ ހިދުމަތް މިވަނީ އަސާސީ ބޭނުމަކަށްވެފަ އެވެ. ނަމަވެސް، މުޖުތަމައުގެ ވަކިވަކި ފަރުދުންގެ އެދޭ އެންމެ އެކަށީގެންވާ މިންވަރެއްގައި އަދި އަގެއްގައި މި ހިދުމަތްފޯރުކޮށްދިނުމަށް އެތައް ހުރަސްތަކަކާ ކުރިމަތިލާންޖެހެ އެވެ. މީގެ ތެރޭގައި، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މިލްކުގައިވާ އުމްރާނީ ވަސީލަތްތަކުގެ މަދުމިން ވަކިން ފާހަގަކޮށްލެވެ އެވެ.

ސްމާޓް ސިޓީގެ އެންމެ މައިގަނޑު އެއް އަސާސަކީ އިންޓަރނެޓް ފަދަ ޒަމާނީ ހިދުމަތްތައް ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހަލުވިކަމާއެކު ހެޔޮ އަގެއްގައި ފޯރުކޮށްދޭނޭ މުނިސިޕަލް ވަސީލަތްތައް ޤާއިމްވެފައިހުރުމެވެ. މިފަދަ ވަސީލަތްތަކުގެ ތެރޭގައި އޯޕަން އެކްސެސް ނެޓްވޯކް ހިމެނެ އެވެ. މިއީ، ސިޓީއެއް ފަރުމާކުރުމުގައި އެކުލަވާލެވޭ މުވާސަލާތީ ވިއުގައަކަށް ދެވިފައިވާ ނަމެކެވެ. އޯޕަން އެކްސެސް ނެޓްވޯކްފަދަ ވަސީލަތްތަކަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހެޔޮ އަގެއްގައި އެޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ، އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަގުހެޔޮކޮށް އެޚިދުމަތްތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މުހިއްމު ވަސީލަތެކެވެ. މި ފަދަ ވަސީލަތްތަކުގެ ސަބަބުން މުޖުމަތަމައެއްގެ ގިނަ ފަރުދުންނަށް މިފަދަ ޚިދުމަތްތައް ލިބިގަތުމަށް ފަސޭހަވެގެންދާނެއެވެ.

އަޅުގަނޑުމެންގެ މިކުޑަ މުޖުމަތައުގައި އެކިއެކި ފަންނުތަކުގައި އަދި ދާއިރާތަކުގެ ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ. މީގެން ބައެއް ފަރާތްތަކުން އިހެކޭ އެއްފަދައިން ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ސަރުކާރު އަދި އަމިއްލަ ފަރާތްތަކުގެ އޮފީސްތަކުގައި ވަޒީފާއަދާކުރަމުން ދާއިރު ގިނަ ޒުވާނުންގެ މެދުގައި އަމިއްލަ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. ސްމާޓް ސިޓީއެއް ވާންޖެހޭނީ އަމިއްލަ އަށް މަސައްކަތް ކުރާ ފަރާތްތަކަށް އެ ފަރާތުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނޭ އިންތިޒާމުތައް ފޯރުކޮށްދޭ އަދި އެފަދަ ވަސީލަތްތައް ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ލިބެންހުންނަ ތަނަކަށެވެ. ދުނިޔޭގެ އެހެން ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަލަށް ވިޔަފާރި ފަށައިގަންނަ ފަރާތްތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ޝެއާޑް ވޯކްސްޕޭސަސް ފަދަ މަސައްކަތްކުރާނޭ ރަގަޅު މާހައުލުތައް އުފައްދާފައިވެ އެވެ.

އިންޓަނެޓްގެ ހިދުމަތް ފުޅާވެ ރަގަޅުވަމުން ދާކަމުގައިވަނީނަމަ އެކިއެކި ފަރާތްތައްމެދުގައި ރައްކާކުރިވިފައިވާ މައުލޫމާތު ހޯދާ ބަދަލުކުރުމަށް މަގުފަހިވާނެ އެވެ. މިކަމުގެ ސަބަބުން، ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހިދުމަތްލިބިގަތުމުގަޔާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ލުއި ފަސޭހަކަން ލިބިގެންދާނެ އެވެ. އަދި ހިދުމަތުގެ ފެންވަރު މަތިވެ، ހަލުވި ވެގެން ދާނެއެވެ. މިގޮތުން، ސަރުކާރުގެ އިދާރީ ދާއިރާތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޒަމާނާ އެއްގޮތައް ހެޔޮ ބަދަލުތައް އަންނާނެއެވެ. މިސާލަކަށް، ސަރުކާރުން ހިންގާ މަޝްރޫޢުތަކަށްއ ކޮންޓްރެކްޓް އުސޫލުން ގަނެވިއްކުމުގެ މަސައްކަތްތަކަށާއި، ބިލްތަކަށް ފައިސާ ދެއްކުމަށާއި، ހިދުމަތް ހޯދުމަށް ހުށަހަޅާ ފޯމުތައް ހުށަހެޅުމަށް މިކަމުގެ ސަބަބުން ލުއި ފަސޭހަކަން ލިބިގެން ދާނެއެވެ. ދިގު ކިއު ތަކުގައި ވަގުތު ހޭދަކުރުން ނައްތާލާ، ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގަނެވޭނެ އެވެ.

ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކާއެކު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް އަންނަނީ ބަދަލުވަމުންނެވެ. ކުރިން ޖީބުގައި ބެހެއްޓި އައިޑީކާޑު ލައިސަންސް ފަދަ ލިޔެކިޔުންތައް މިވަނީ ޑިޖިޓަލް ތަކެއްޗަށް ބަދަލުވެގެން ގޮސްފަ އެވެ. ފައިސާ ނޫޓުގެ ބަދަލުގައި ވިޔަފާރީގެ މުއާމަލާތްތައް ހިނގަނީ މުޅިން ކަހަލަގޮތަކަށް އިންޓަރނެޓް މެދުވެރިކޮށެވެ. މުސްތަޤްބަލުގައި ޕާކުކުރުން، އަދި ބެޓެރީ ކާރު އަދި ސައިކަލްފަދަ އުޅަނދުތައް ބޭނުންކުރުމުގައި އިންޓަރނެޓް ބޮޑު ދައުރެއް އަދާކުރާނެއެވެ. ސިޓީތައް އަމާން އަދި ރައްކާތެރިތަންނަށް ހެދުމަށްޓަކައި ބަހައްޓާފައިވާ މަގުބައްތިތަކަކީ ކަރަންޓް ޚަރަދު ކުޑަ، ސްމާޓް ތަކެއްޗަށް ބަދަލުވެގެންދާނެއެވެ. އަދި މަގުމަތީގެ ގަވައިދުތަކާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް ނަމްބަރު ޓެކޮނޮލޮޖީ މެދުވެރިކޮށް ދެނެގަނެވޭނޭ ވަސީލަތްތައް ގާއިމްވެގެން ދާނެއެވެ. ރައްޔިތުންގެ ހަރަކާތްތަކާއި، އެއްވެ އުޅޭ ތަންތަން ދެނެގަތުމަށް ކިއު.އާރ ކޯޑް ފަދަ އެޕްލިކޭޝަންތައް ފުޅާދާއިރާއެއްގައި ބޭނުންކުރެވިގެން ދާނެއެވެ.

ހަމަ މިގޮތަށް ގޭތެރޭގެ އާންމު ދިރިއުޅުމުގެ ކަންތައްތައްވެސް ޓެކްނޮލޮޖީގެ އެހީގައި ދާނީ ދުވަހަކުން ވުރެ ދުވަހެއް ކުރިއަރަމުންނެވެ. މިސާލެއްގެ ގޮތުން، މީހުން ދިރިއުޅޭ އިމާރާތްތަކުގައި ބަހައްޓާފައިވާ ޑަސްޓްބިންތައް ހުސްކުރުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ޑަސްޓްބިން ހުސްކުރުމުގެ ބަދަލުގައި، ވަކިވަރަކަށް ކުނި ގިނަވުމުން ދޫކުރާ ސިގްނަލްއެއްގެ އެހީގައި ޑަސްޓްބިން އުކާލުމުގެ އުސޫލު އަށަގަނެގެންދާނެއެވެ.

އެޗްޑީސީ އިން ހިންގާ ސްމާޓް ސިޓީ މަޝްރޫއުގެ މަގްސަދަކީ އިންޓަނެޓް އާއި އެހެނިހެން މުއާސަލާތީ ހިދުމަތްތަކުގެ އަގާއި ފެންވަރު މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހޯދާދިނުމެވެ. އަދި މިސަރަހައްދަކީ މީހުން ދިރިއުޅުމަށް ފަސޭހަ، ޒަމާނީ ސަރަހައްދަކަށް ހެދުމަށް ބޭނުންވާ އެންމެހާ އުމްރާނީ ވަސީލަތްތައް ފޯރުކޮށްދިނުމެވެ.