އެޑްވަޓޯރިއަލް

ސްމާޓް ސިޓީގެ ބޭނުމަކީ ބަދަހި މުޖުތަމައެއް އުފެއްދުން: އެޗްޑީސީ

ސްމާޓް ސިޓީގެ އެންމެ މުހިއްމު އެއް ބޭނުމަކީ ބަދަހި މުޖުތަމައެއް އުފެއްދުން ކަމަށް ހައުސިން ޑިވެލޮފްމެންޓް ކޯޕަރޭޝަން ( އެޗްޑީސީ) އިން ބުނެފި އެވެ

ސްމާޓް ސިޓީއަކީ ޓެކްނޮލޮޖީއަށް ވުރެ އެތަނެއްގައި ދިރިއުޅޭ މީހުންގެ ތަރައްގީއާއި ގުޅިފަވާ ކަމެއް ކަމަށާއި ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ އަކީ ފިޒިކަލް ނެޓްވޯކެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މި ނެޓްވޯކްގެ ސަބަބުން ރައްވެހިންގެ ދިރިއުޅުމާއި ގުޅުންހުރި ކަންކަމުގައި ގިނަ ޓެކްނޮލޮޖީއާއި އީޖާދުތަކަށް މަގުފަހިވާނެ ކަމަށާއި ގިނަ މަދަނީ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތަކަށް ހައްލު ލިބިގެންދާ ފަދަ އީޖާދުތައް ތައާރަފްވެ ދިރިއުޅުން ފަސޭހަވާނެ ކަމަށް ވެސް ބުނެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ ސިޓީއެއްގެ އެންމެ މުހިންމު ބޭނުމަކީ އެތަނެއްގައި އުޅޭ މީހުންނަށް ދުޅަހެޔޮ ރަނގަޅު މާހައުލެއް ފޯރުކޮށްދިނުން ކަމަށެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާއެއް އުފެއްދުމާއިއެކު 21 ވަނަ ގަރުނުގެ ދެމެހެއްޓެނިވި ސިޓީއެއް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ބުނެ އެވެ. އަދި ކާބަން އެމިޝަން މަދުކުރުމާ، ގުދުރަތީ އަދި ތާރީހީ ތަރިކަ ރައްކާތެރިކުރުމާ ގިނަ ވަޒީފާ އުފެއްދުމާއެކު މުޖުތަމައުގެ ގިނަ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތައް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ދެކެ އެެވެ.

ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާގެ އެންމެ މުހިންމު އެއް ބޭނުމަކީ ބަދަހި މުޖުތަމައެއް އުފެއްދުން ކަމަށާއި ބަދަހި މުޖުތަމައެއްގައި ރައްވެހިންގެ މަދަނީ ބައިވެރިވުން އިތުރުވެ ދައުލަތާއި ރައްވެހިން ގުޅިގެން ޒަމާންވީ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރެވޭނެ އެވެ.

ދައުލަތުގެ މުއައްސަސާތަކާއި ހިންގުމުގައި ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން މައުލޫމާތު އެއްކުރުމާއި ހިދުމަތް ދިނުން ބަދަލު ވެގެން ދިޔުމުން އިޖުރާއަތްތަކާއި ސިޔާސަތުތައް ކަނޑައެޅުމުގައި ރައްވެހިންނަށް ފައިދާހުރި ފަސޭހަ ބަދަލުތަކެއް ގެނެވިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. ސިޓީގެ ވަކި ސަރަހައްދުތަކެއް ވަކި ގަޑިތަކެއްގައި ތޮއްޖެހި ޓްރެފިކް ބުރުއަރާނަމަ ޓްރެފިކް މެނޭޖްމަންޓް ސިސްޓަމް ތަކުގެ އެހީގައި މައްސަލަތަކަށް ދިގު ރާސްތާ ހައްލުތައް ދެނެގަނެވުން ފަދަ ފަސޭހަތައް ވާނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މާލޭ ސަރަހައްދަކީ ވަރަށް ގިނަ އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ މައްސަލަތަކެއް ހުރި ތަނެކެވެ. ލިބޭ އާމްދަނީ ކުޑަކަމާއި ވަޒީފާއާއި ކުރިއެރުމުގެ ފުރުސަތުތައް މަދުވެފައި ކުލީގެ ގޮތުގައި ތަނާއި ނުބައްދަލު އަދަދުތައް ދައްކަން ޖެހުމަކީ އެންމެ އާންމު މައްސަލަތަކެވެ. މިކަމާ ގުޅުވާ އެޗްޑީސީން ބުނެފައި ވަނީ ސްމާޓް ސިޓީއެއް އުފެދުމާއިއެކު އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް މަގުފަހި ވާނެ ކަމަށެވެ. އަދި އައު ދާއިރާތަކުން ކުރިއެރުން ލިބި ފުރުސަތުތައް ގިނަވާނެ ކަމަށެވެ.

އެޗްޑީސީގެ އެންމެ ބޮޑު އުއްމީދަކީ ސްމާޓް ސިޓީ ވިއުގައިގެ އެހީގައި މާލެ ސަރަހައްދަކީ އަމާންކަންމަތީ ދިރިއުޅެވޭނެ އުފާވެރި ތަނަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިކަން ދެނެގަނެ ސަރުކާރާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ރައްޔިތުންގެ ވެސް ބައިވެރިވުމާ އެކު މިކަން ހަގީގަތަކަށް ވާނެ އެވެ.