އެޗްޑީސީ

މާލޭގައި ހުރި ގަރާޖުތަކަށް ހުޅުމާލޭން ބިން ދެނީ

މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް ހުޅުމާލެއިން ބިން ދިނުމަށް އެޗްޑީސީން ނިންމައިފި އެވެ.

ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދިނުމަށް އެޗްޑީސީން ނިންމީ ސަރުކާރާއި އެޗްޑީސީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށް ފަހު އެވެ.

ގަރާޖުތަކަށް ހުޅުމާލެ އިން ލިބޭ ބިމުގެ ބޮޑުމިން ކަނޑައަޅައި، އެކަމާ ގުޅޭ މިންގަނޑެއްވެސް އެޗްޑީސީން ވަނީ އާންމު ކޮށްފަ އެވެ.

އެގޮތުން މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން 1000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެ އިން ލިބޭނީ 1000 އަކަފޫޓުގެ ބިމެކެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަނެވެ. މިފަދަ ގަރާޖުތަކުގައި ވެލްޑިން ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެ އެވެ. އަދި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތައް މާލޭގައި ދަނީ ހިނގަމުންނެވެ.

"އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރި ކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއްކަމުގައި މި ކޯޕަރޭޝަނުން ގަބޫލު ކުރަމެވެ. މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މި ކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން ނިންމި ނިންމުމެކެވެ." އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މާލޭގައި ހިންގާ ގަރާޖުތަކަށް ހުޅުމާލެއިން ބިން ދޫކުރުމަށް އެޗްޑީސީން ނިންމާފައި މިވަނީ މިމަހުގެ ދިހަވަނަ ދުވަހު މ. ނިރުފެހިގޭގެ ތިރީގައި ހިންގަމުން ދިޔަ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. މި ހާދިސާގައި 10 މީހުން މަރުވެފައިވެ އެވެ.

މިހާދިސާއަށް ފަހު މާލޭގައި އެއްވެސް ކެމިކަލް ގުދަނެއް މިހާރު ނުހުންނާނެ ކަމަށާއި ގަރާޖުތަކާއި ވޯކްޝޮޕްތައްވެސް މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މާލޭގައި ބިދޭސީން ދިރިއުޅެމުންދާ ތަންތަނާއި ގަރާޖުތަކާއި ވޯކްޝޮޕްތައް މޮނީޓާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކާއި އެ މައުލޫމާތު ހިއްސާ ކުރުމުން އެކަމަށް މާބޮޑު އެއްބާރުލުމެއް ނުދިން ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.