ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލެނިވެރިކަމުގައި އޮތް ހުޅުމާލޭގެ އިދާރީ ހިންގުން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއެކު މިރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހުޅުމާލެއަށް އެމްޑީޕީން ކުރިމަތިލި ކެންޑިޑޭޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލި ކެންޑިޑޭޓުން ވަނީި އެޗްޑީސީގެ ދަށުގައި ހުޅުމާލެ އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކުންފުންޏެއްގެ ބެލެނިވެރި ކަމުގައި ހުޅުމާލެ އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާ އެކަން ބަދަލު ކުރައްވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ދަށުން ހިންގުމުގެ ކަންކަން ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރަން ޖެހޭ ކަމަށާ އެ މަަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުނިސިޕަލް ހިދުމަތް ދިނުމާއި އަދި އިދާރީ ހިންގުން ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ގާނޫނުގައި ހުރަސްތަކެއް ހުރިނަމަ އެކަންވެސް ބަދަލު ކުރައްވާނެ ކަމަށެވެ.
"ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ދަށުން ހިންގުމުގެ ކަންކަން އެބަޖެހޭ ކައުންސިލްގެ ދަށަށް ބަދަލު ކުރަން. އިރާދަކުރެއްވިއްޔާ އެކަން ކުރުމުގައި އަޅުގަނޑުމެން ކުރިއަށް ދާނަން. މުނިސިޕަލް ހިދުމަތް ދިނުމާއި އަދި އިދާރީ ހިންގުން އެއީ ކައުންސިލްގެ ދަށުގައި އޮންނަ ތަނަކަށް ބަދަލު ކުރުމަށް އަދި ގާނޫނުގައި ހުރަސްތަކެއް ހުރިކަމަށްވަންޏާ އެ ހުރަސްތައް ބަދަލުކޮށްގެންވެސް އަޅުގަނޑުމެން އެކަން ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ކުންފުންޏެއްގެ ބެލެނިވެރި ކަމުގައި ހުޅުމާލެ އޮތުމާމެދު އިދިކޮޅު ޕާޓީތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހުޅުމާލޭގެ ގިނަ ރައްޔިތުންވެސް އެކަމުގެ ޝަކުވާ ކުރެއެވެ. އެ އަވަށުގައި ވިޔަފާރި ހިންގާ ކުންފުނިތަކުންވެސް އެކަމުގެ ކަންބޮޑުވުން ފާޅު ކުރެއެވެ.