ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮނޑު ދޮށާ ކައިރިން -- ބީޗް ފްރޮންޓުން ވިއްކަން ހުޅުވާލި 34 ބިމަށް 180 މީހަކު ބީލަން ހުށަހަޅައިފި އެވެ.
އެޗްޑީސީން ބީލަން ބަލައިގަތުން މިއަދު ކުރިއަށް ގެންދިޔައީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހ. މީރުމާގެ ދެވަނަ ވަނަ ބުރީގަ އެވެ. އެތަނުގައި ބީލަން ކެނޑުން މިއަދު މެންދުރުފަހު 1:00 އިން ފެށިގެން ކުރިއަށްދާނެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން އެޗްޑީސީން ވަނީ ނިންމާފަ އެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން މާލޭ މީހުންނަށް ބިން ދިނުމަށް އިސްކަން ދިނުމުގެ ގޮތުން އެޗްޑީސީން ވަނީ މި ބިންތަކަށް ބީލަށް ހުށަހެޅޭނީ ހަމައެކަނި މާލޭގެ މީހުންނަށް ކަމަށް ކަނޑައަޅާފަ އެވެ. ބިންތައް ވިއްކާނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތް ތަކަށެވެ.
އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ ސައިޒުގެ ބިން ތަކެކެވެ.
ހުޅުމާލެ، ބީޗު ފްރޮންޓުން ވިއްކާ 34 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،500 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގު ވެސް 5.6 މިލިއަން ރުފިޔާ ޖެހެ އެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭ ބީޗު ފްރޮންޓުން ވިއްކާ 60 ބިމުގެ ތެރެއިން 26 ބިމުގެ ބިޑްގެ މަސައްކަތް ނިންމާފަ އެވެ. އެ ބުރުގައި އެންމެ މަތީ އަގަކަށް ހުށަހެޅީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ އެވެ. ނަމަވެސް ބިޑް މިހާރު ވަނީ ޑިސްކޮލިފައި ކޮށްފަ އެވެ.