ހިޔާގެ ފްލެޓްތައް ލިބޭ ފަރާތްތަކުން އެގްރިމެންޓްގައި ސޮއި ކުރާ ދުވަހު ތަޅުދަނޑި ވެސް ހަވާލު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ހިޔާގެ ފްލެޓްތައް ލިބޭ ފަރާތްތަކާއި އެޗްޑީސީއާ ދެމެދު ހަދާ އެގްރިމެންޓްތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެނެވެ. ސޮއި ކުރުން ކުރިއަށް ދާނީ މާލޭގެ އެ އަވަށުގެ ހުރަވީ ސުކޫލުގެ ހޯލުގަ އެވެ.
އެ ކަމަށް އެ ސްކޫލްގައި 25 މޭޒު ބަހައްޓާ، އެއްފަހަރާ 25 މީހުންނާއެކު ސޮއި ކުރުމުގެ އިންތިޒާމެއް ރާވާނެ އެވެ. އެގޮތުން ދުވާލަކު 300 އާއި 350 އާ ދެމެދުގެ އަދަދެއްގެ ފްލެޓް އެގްރިމެންޓްގައި ސޮއިކުރާނެ އެވެ.
ފްލެޓް ލިބޭ ފަރާތްތަކަށް ފެލްޓް ދެއްކުން ވެސް އޮވެ އެވެ. އެކަން ރާވާފައި ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. ފްލެޓް ދެއްކުން އޮންނާނީ ކޮންމެ ދުވަހަކުވެސް ހަތަރު ދަންފަޅިއަކަށަށެވެ. ބަލަން ޔުނިޓަކަށް ވަދެވޭނީ ދެ މީހުނަށެވެ.
ފްލެޓްތައް ދައްކާ ދުވަހު ނުދެވޭ ފަރާތްތަކަށް ސޮއި ކުރުމަށްފަހު ފްލެޓް ބަލަން ފުރުސަތު ދޭނެ އެވެ.
ސުހައިލް ވިދާޅުވީ ފްލެޓް ބެލުމަށް ފަހު ރަނގަޅު ކުރަން ޖެހޭ ކަމެއް ފާހަގަވެއްޖެނަމަ އެކަމަށް ހާއްސަ ފޯމެއް ފުރަން ފުރުސަތު އޮންނާނެ ކަމަށާއި އެކަން ވަގުތުން ހަމަޖައްސައިދިނުމާއެކު އެތަނުން ތަޅުދަނޑި ވެސް ހަވާލުކުރާނެ ކަމަށެވެ.
އެގްރިމެންޓްތަކުގައި ސޮއިކުރުން ހިނގާނީ ޓަވަރުތައް ތަރުތީބުން އެއްޓަވަރު ނިމުމުން އަނެއްޓަވަރަށް ދާ ގޮތަށެވެ.
"އެއް ބިލްޑިން ނިންމާފަ އަނެއް ބިލްޑިންއަށް ދާފަހުން ކުރީ ބިލްޑިންގެ ބޭފުޅަކު އައިސްފިއްޔާ އަޅުގަނޑުމެންގެ ސްޓާފުންނަށް ވަރަށް އުނދަގޫވާނެ. އެހެންވީމާ ވަރަށް ބޮޑަށް ގަޑިއަށް ސަމާލުވާން ވާނެ ހުރިހާ ބޭފުޅުން ވެސް. އަޅުގަނޑުމެން އިއުލާނު ކޮށްލާނަން ޕަވާ އޮފް އެޓާނީ އެހެން ފަރާތަށް ދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް. ފަހަރެއްގައި ރަށުގައި ނެތުން ނުވަތަ ބަލި ވެސް ވެދާނެ. އެހެންވީމާ އެފަރާތްތަކަށް ފަސޭހައަކަށް އެފުރުސަތު ވެސް ހުޅުވައިލާނަން." ސުހައިލް ވިދާޅުވި އެވެ.
އެގްރިމެންޓްގެ ޑްރާފްޓެއް މިހާރު ވަނީ އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކޮށްފަ އެވެ. ހިޔާގެ 6720 ޔުނިޓް ލިބުނު ފަރާތްތަކާއެކު އެގްރިމެންޓްގައި ސޮއި ކުރާއިރު ހުރިހާ ފަރާތްތަކުން ސޮއިކުރާ ވަގުތު އެގްރީމެންޓް ކިޔަން ވަގުތު ނަގާނެތީ އެޗްޑީސީން ނިންމީ އެގްރިމެންޓްގެ ޑްރާފްޓް ދުރާލައި ޝާއިއު ކުރާށެވެ.