އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ފްލެޓް އަޅަށް ސަރުކާރުން ވި އެއްބަސްވުމަށްވުރެ ފްލެޓްތައް އިތުރު ނުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަވަސް އަށް ވިދާޅުވީ ޓާޓާ ކުންފުންޏާއިއެކުގައި ވީ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އެ ކުންފުނިން އިމާރާތް ކުރި އެއްޓަވަރު އުސްކޮށް ހަދަން ހުއްދަދިނީ ކުރީ ސަރުކާރުގެ ދުވަސްވަރު އެޗްޑީސީން ކަމަށެވެ. އެއީ އެ ބިމުގައި ޖާގަ އޮތުމުން ބޭކާރު ކޮށްނުލުމަށް ކަމަށެވެ.
އަކްރަމް ވިދާޅުވީ އެ އެބަސްވުމުގެ ދަށުން ހުޅުމާލޭގެ ދެ ފިޔަވައްސަކަށް ބަހައިލައިގެން 150 ފްލެޓް އެޅުމަށް ޓާޓާ އާއި ހަވާލު ކުރި ނަމަވެސް އޭގެ އިތުރުން ޓާޓާގެ ޓަވަރުގައި ތަރައްގީ ކުރާ 36 ފްލެޓަކީ އެސްޖީ ޑިވެލޮޕާސް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްގެން އިމާރާތްކުރާ ތަންތަން ކަމަށެވެ.
"150 ފްލެޓް އަޅަން ޓާޓާއި ހަވާލުކުރީ އެއީ 15 ލަގްޒަރީ ފްލެޓް ހިމެނޭހެން. އޭގެ އިތުރަކަށް ލަގްޒަރީ ވިލާތަކެއް އިތުރެއް ނުވާނެ." އަކްރަމް ވިދާޅުވި އެވެ.
ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު 2010 ގައި ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ހުޅުމާލޭއިން ދޫކުރި ދެ ބިމުގައި މަސައްކަތް ނުކޮށްގެން އެއްބަސްވުން އުވައިލި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ނިންމައިފި ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ ހޮނިހިރު ދުވަހުގައި ބަޔާނެއް ނެރިފަ އެވެ.
ބަޔާނުގައި ފްލޭނިން މިނިސްޓްރީން ބުނީ އަރަބިއްޔާ އާއި ގާކޮށީގައި ފްލެޓް އެޅުމުގެ ބަދަލެއްގެ ގޮތުން މާލޭގެ ނާދީ އާއި އޯޑިއޯން ބިން އަދި ޅ. ޅޮއްސަލަފުށީގެ އިތުރުން ހުޅުމާލެ އިން ވެސް ދެ ބިން، ދިނީ އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހިން 2015 ގައި ކަމަށެވެ.
ސަރުކާރާއި އެކުގައި ޓާޓާއިން އެއްބަސްވެފައިވަނީ އެ ދެ ބިމުގައި 150 ހައުސިން ޔުނިޓާއި 15 ލަގްޒަރީ ވިލާ އަޅަންށެވެ. ވަން ސެންޓްރަލް ޕާކް ޕްރޮޖެކްޓްގެ ދަށުން އަޅަނީ މެދުފަންތީގެ 120 ފްލެޓެވެ. އަދި ސޮލިޓެއާ ޕްރޮޖެކްޓުގެ ދަށުން އަޅަނީ މަތީފަންތީީގެ ފްލެޓުގެ 10 ބުރީގެ އިމާރާތެކެވެ.