އެޗްޑީސީ

ސްމާޓް ސިޓީއެއްގައި ދިރިއުޅުން ބޮޑުތަނުން ފަސޭހަ

Aug 30, 2021
1

"ސްމާޓް ސިޓީ" އަކީ އާންމު ގޮތެއްގައި ޓެކްނޮލޮޖީ ބޭނުންކޮށް މައުލޫމާތު ނެޓްވޯކެއްގެ ތެރެއިން ހިއްސާކުރެވޭ ގޮތައް ފަރުމާ ކުރެވިފައިވާ ނިޒާމެއް ގާއިމް ކުރެވިފައިވާ ތަނެއް ސިފަކޮށްދިނުމަށް ބޭނުން ކުރެވޭ ބަހެކެވެ. ނަމަވެސް "ސްމާޓް ސިޓީ" އަކަށް ޓެކްނޮލޮޖީގެ އިތުރުން މީހުންގެ މުހިންމު ކަމަށް ނަޒަރު ހިންގާލުމަކީ މުހިންމު ކަމެކެވެ.

މިކަމުގައި އުފެއްދުންތެރިކަން މުހިންމު ވަނީ ކީއްވެ؟ ސަބަބަކީ ދިމާވާ ކޮންމެ ކަމަކަށް ވެސް ހައްލެއް ހޯދޭނީ އުފެއްދުންތެރި ވިސްނުމެއް ގެންގުޅެގެން ކަމަށް ވާތީވެ އެވެ. ގޭގައި ދިއްލާ ބޮކި ބޭނުން ކުރާ ޓީވީ ސްމާޓް ފޯނު، ގެތައް އަދި ހިފައި ގެންގުޅޭ ކޮންމެ އެއްޗަކީ، ގިނަ ބައެއްގެ ބުރަ މަސައްކަތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް އަބަދުވެސް ޒަމާނީ ފެންވަރަށް ބަދަލުވަމުން އަންނަ އެއްޗެއްސެވެ. މި އުފެއްދުންތައް އުފެއްދުމުގެ މަސައްކަތް ކުރާފަރާތްތައް އެ މަސައްކަތް ކުރަނީ ކީއްވެ؟ ފުރަތަމަ ސަބަބަކީ ފައިސް، ނަމަވެސް މިކަން ކުރުމުގެ މައިގަނޑު ސަބަބަކީ މީހުންނަށް އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ ހޯދައިދީ ދިރިއުޅުމުގެ ފެންވަރު މަތކޮށް ފަސޭހަ ކޮށްދިނުމެވެ.

ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނާ ގޮތުގައި ސިޓީއެއް "ސްމާޓް ސިޓީ" އަކަށް ވުމުގެ މައިގަނޑު ރޯލެއް އަދާ ކުރަނީ އެތަނެއްގައި އުޅޭ މީހުންނެވެ. ސްމާޓް ސިޓިއެއްގައި ފިޒިކަލް ނެޓްވޯކަކުން ގުޅާލެވި އުފެއްދުންތެރި ބަދަލުތަކެއް އެއާއިއެކު އަައި ނަމަވެސް އެކަންތައް ބިނާވެފައި ވަނީ އެތަނެއްގައި އުޅޭ ބައެއްގެ ބޭނުންތަކަށެވެ. ގްރޭޓާ މާލެ ސަރަހައްދުގައިވެސް އަސްލަކީ މިއެވެ. މީގެ ކުރިން އާންމު ގޮތެއްގައި ފަސޭހަ ކަމަށާއި މާލީ ފައިދާ ވެފައިވަނީ ސްމާޓް ސިޓީ މަޝްރޫއުތަކުގެ މައިގަނޑު ސަބަބަށް. ނަމަވެސް ފަހަކަށް އައިސް ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި އާންމު ފަރުދުންގެ ވިސްނުން މިފަދަ މަޝްރުއުތަށް ކުރިއަށް ގެންދިއުމުގައި ބަލަ އެވެ.

ސިޓީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެންދާނީ އެ ތަނަކީ މީހުން ދިރިއުޅެން ދުޅަހެޔޮ ތަނަކަށް ވުމުންނެވެ. އެގޮތުން ސްމާޓްސިޓީއެއް ބިނާ ކުރެވިފައިވަނީ، ކާބަން އެމިޝަން ދަށް ކުރުމަށާއި، ސަގާފަތް ހިމާޔަތް ކުރުމާއި، އިތުރު ވަޒީފާގެ ފުރުސަތު އުފެއްދުމުގެ އިތުރުން ޒަމާނީ ސިޓީއެއް ހިންގުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ފޯރުކޮށްދީގެންނެވެ. އެގޮތުން އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާގެ މައިގަނޑު ބޭނުމަކީ ކޮމިއުނިޓީތައް ގުޅާލުމެވެ. އެޗްޑީސީއިން ދެކޭގޮތުގައި ކޮމިއުނިޓީތައް ގުޅާލުމުން އެ ތަނެއްގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ގުޅިގެން މަސައްކަތްކޮށް، ސަރުކާރު އެ ކަންކަމުގައި ޒިންމާދާރު ކުރުވަން ފަސޭހަ ވެގެން ދާނެ އެވެ.

ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަންކަމާަ ގުޅޭގޮތުން މައުލޫމާތު އެއްކުރުމަކީ މައްސަލަތަކަށް ހައްލެއް ހޯދުމަށް ފަސޭހަތަކެއް ގެނުވާނެ ކަމެކެވެ. މި މަރުހަލާގެ ތެރޭގައި މައްސަލަތައް ދިރާސާ ކުރުމާއި، އެކަމަށް ހައްލެއް ހޯދުމުގެ އިތުރުން ގެނެވޭ ހައްލުގެ ފުރިހަމަކަން ދިރާސާ ކުރުން ހިމެނެ އެވެ. މިސާލަކަށް ވަކި ވަގުތެއްގައި މަގެއް ތޮއްޖެހޭނަމަ، އެކަން އެހެން ހިނގައި ދިއުމުގެ ސަބަބު ދިރާސާކޮށް، ކުރި ދިރާސާގެ އަލީގައި ހައްލު ހޯދުން ހިމެނެ އެވެ. އަދި ހަމަ އެއާއި އެކު އެހެން ސަރަހައްދުތަކަށްވެސް މި އުސޫލުގެ ދަށުން ދާއިމީ ހައްލެއް ގެނެވޭނެ އެވެ.

ގްރޭޓާ މާަލެ އޭރިއާ އަކީ އާންމު ގޮތެއްގައި ތޮއްޖެހި އަދި ދިރިއުޅުން އުނދަގޫ ތަނެކެވެ. މާލީ މައްސަލަތަކާއި ސިޔާސީ އަދި ފަރުދީ މައްސަލަތައް ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މި ސަބަބު ތަކުގެ ސަބަބުން މާލެ ސަރަހައްދުގެ ކުލީގެ އަގު އިންތިހާއަށް ބޮޑުވެ، ވަޒީފާގެ ފުރުސަތުތައް މަދެވެ. އަދި ލިބޭ އާމްދަނީ މަދުވުމުގެ އިތުރުން މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަކީ އުނދަގޫ ކަމަކަށް ވެއެވެ. ނަމަވެސް ސްމާޓްސިޓީ އިންފްރާސްޓްރަކްޗާގެ ތެރެއިން ގުޅާލެވިފައިވާ މުޖުތަމައެއް ބިނާ ކުރެވިގެން ދާނެ އެވެ. އަދި އެއާއި އެކު އިތުރު އާމްދަނީ ހޯދުމުގެ ފުރުސަތުތައް ލިބުމުގެ އިތުރުން އާ މަސައްކަތުގެ ދާއިރާތަކަށްވެސް ގިނަ މަޔަކަށް ވަދެވިގެން ދާނެ އެވެ. މިފަދަ ފުރުސަތުތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ އެވެ.

ސްމާޓް ސިޓީއެއްގައި ދދިރިއުޅުމަކީ ހަމައެކަނި ޑިވައިސް އަދި ސެންސާ ތަކަކުން ގުޅާލެފިވައި އޮތުމެއްް ނޫނެވެ. ސްމާޓް ސިޓީއަކީ ގިނަ ދުވަސް ވަންދެއް ހައްލެއް ނުލިބި ހުރި ގިނަ މައްސަލަ ތަކަކަށް ހައްލު ފޯރުކޮށްދޭނެ ބަދަލެކެވެ.