ޖުމްހޫރީ ޕާޓީ

އިދިކޮޅުގެ ހުށައެޅުމަށް މިވަގުތު ޝައުގެއް ނެތް: ޖުމްހޫރީ ޕާޓީ

ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެރުވި ނަމަވެސް އެ ހުށައެޅުމަށް މިވަގުތު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަންގެ މި ދައުވަތު ޖުމްހޫރީ ޕާޓީގެ އިތުުރުން އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ވަނީ ފޮނުވާފައެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން 2013ގެ އިންތިހާބުގައި ޕީޕީއެމް އާއި ގުޅިގެން މަސައްކަތްކޮށް އެ ސަރުކާރުގައިވެސް ބައިވެރިވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މިއީ ސަރުކާރާ "ތޮޅެން" ވީ ވަގުތެއް ނޫން ކަމަށެވެ. ކޮވިޑްގެ ސަބަބުން ގައުމުގެ ހުރިހާ ދިމާއަކަށް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށާ މިއީ އެކުގައި ތިބެ ގެއްލުނު ކަންކަން ހޯދަންވީ ވަގުތު ކަމަށެވެ.

ގާސިމް ވަނީ ސަރުކާރުގައި އޮތް ނަމަވެސް ޖުމްހޫރީ ޕާޓީއާއެކު ވެވުނު އެއްބަސްވުމުގައިވާ ގޮތަށް ކަންކަން ހިނގަމުން ނުދާ ކަމަށްވެސް ވިދާޅުވެފައެވެ. އެކަން އެހެން އޮތް ނަމަވެސް ސަރުކާރާ ދެކޮޅުވެ މަސައްކަތް ކުރުމުގެ ޝައުގެެއް އަދި ކުރަން ޖެހޭ ސަބަބެއްވެސް މިވަގުތު ނެތް ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން ތިން ޕާޓީއަކީ މި ސަރުކާރު ކޯލިޝަން އޮތް ޕާޓީތަކެވެ. އެ ޕާޓީތަކުގެ ލީޑަރުންނަކީ ކޯލިޝަން ޕާޓަރުންނެވެ. އެއީ އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އަދާލަތު ޕާޓީގެ ރަައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އަދާލަތާއި އެމްއާރްއެމްއިންްވެސް ވަނީ ސަރުކާރާއެކު "ބަދަހިކޮށް" އޮތް ކަމަށް ބުނެފައެވެ. އަދި ފަސް އަހަރަށް ސަރުކާރު ކޯލިޝަން ދަމަހައްޓާނެ ކަމަށް ބުންޏެވެ.

އެމްޑީއޭއަކީ 2018ގެ ރިޔާސީ އިންތިހާބާ ހަަމައަށް ރައީސް ޔާމީނާއެކު އޮތް ޕާޓީއެކެވެ. އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ 2013 އިން 2018 އަށް ހިނގި ރަައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ އެންމެ އަރިސް އެކުވެރިޔާ އެވެ. އަދި ކޯލިޝަން ޕާޓްނަރެވެ. ނަމަވެސް އިންތިހާބުގެ ކެންޕެއިން ފެށުމާއެކު އެމްޑީއޭއިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ. ނަމަވެސް ރައީސް ޔާމީނާއި ފެއަށް ޖެހިވަޑައިގެން ރައީސް ސޯލިހަށް ސިޔާސީ ގޮތުން އެހީތެރިިކަން ފޯރުކޮށްދެއްވި ކަމުގެ އަޑުތައް އޮވެއެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން އެމްޑީއޭގެ ބަހެއް އަދި ނެތެވެ.