ޖޫމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަކީ ބޮޑު ތަކުރުފާނާއި ދޮން ބަންޑާރައިން ފަދައިން ދިވެހި ރައްޔިތުންނާއި ދިވެހި ފަސްގަނޑު ދެކެ ލޯބިވާ ބޭފުޅެއް ކަމަށް މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދް ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިއަދު ކުރެެއްވި ޓްވީޓްތަކެއްގައި ގާސިމަށް ތައުރީފު ކުރައްވާފައި ވެއެވެ. އޭގެ ތެރެއިން ޓްވީޓެއްގައި އޭނާ ވިދާޅުވީ ވެރިކަމާއި ވަޒީރުކަން ބޭނުންވުމުން ގާސިމް ވަރެއް ނޯންނަ ކަމަށާއި އެކަންކަން ލިބުމުން ހުރިހާ އެންމެން ގާސިމްގެ މަތީން ހަނދާން ނެތޭ މައްސަލަ ގައުމީ ފެންވަރެއްގައި ބަލަން ޖެހޭ ކަމަށެވެ.
އަދި އިތުރު ޓުވީޓެއް ކުރެއްވާ ވިދާޅުވީ ގާސިމަކީ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން ދިވެހި ފަސް ގަނޑާއި ރައްޔިތުން ދެކެ ލޯބިވާ ލީޑަރެއްކަން ޖޭޕީގެ ކައުންސިލްގެ މެންބަރުންގެ ތެރެއިން ބަޔަކަށް ނޭނގޭ ނަމަ ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީއިން ޕްރޮގްރެސިވް ކޯލިޝަނާއެކު މަސައްކަތް ކުރަން ގާސިމް ނިންމަވާފައިވާތީ ޖޭޕީއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ވަނީ އެކަމާ ނުރުހޭކަން ހާމަ ކުރައްވާފަ އެވެ.