ޑރ. މުހައްމަދު މުއިއްޒު

ވަކީލަކު އައްޔަނުކުރަން މުއިއްޒުއަށް 10 ދުވަސް

ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އާއި ގުޅިގެން ދިފާއީ ވަކީލަކު އައްޔަނު ކުރުމަށް ޝަރީއަތުން 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ނޫމަޑި މައްސަލައިގައި ދައުލަތުގެ ފަރާތުން މުއިއްޒުގެ މައްޗަށް އުފުލާފައި ވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުއިއްޒު ވިދާޅުވެފައިވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ.

އެހެންކަމުން ގާޒީ ސޮފްވަތު ހަބީބް ވަނީ ވަކީލަކު އައްޔަނު ކުރުމަށް މުއިއްޒު އަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ލިޔެކިޔުންތަކާ ގުޅިގެން ވާހަކަ ދައްކަވަންވެސް ބޭނުންފުޅު ވަނީ ވަކީލަކާ އެކު ކަމަށް މުއިއްޒުގެ ފަރާތުން ވިދާޅުވުމުން ގާޒީ ވަނީ އެފުރުސަތު ވެސް ދެއްވާފަ އެވެ.

ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެފައި ވަނީ ޑރ. މުއިއްޒު އެވެ.

ޑރ. މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

ނޫމަޑީގެ މައްސަލާގައި މުއިއްޒު ވަނީ ފުލުހަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނޫމަޑީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދައްކާފަ އެވެ.