ސުވިމިން އެސޯސިއޭޝަން

ސްވިމިން ޕޫލް ހެދުމަށް ފައިސާގެ މައްސަލައެއް ނެތް

ރާއްޖޭގައި މުޅިން އަލަށް ގާއިމުކުރާ އޮލިމްޕިކް ސްޓޭންޑަޑްގެ ސްވިމިން ޕޫލް ހެދުމަށް ފައިސާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސްވިމިން ޕޫލް ހަދާ އިމާރާތުގެ ކުރެހުމަށް ގެންނަންޖެހޭ އެންމެ ފަހުގެ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކަމަށެވެ. އިންޖިނިއަރިން ޓީމުން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްވިމިން ޕޫލް ހަދަން ނިންމާފައިވާ 10 ބުރީގެ އިމާރާތުގެ ދެ ފްލޯއެއްގައި ސްވިމިން ޕޫލް ހިމެނެ އެވެ. ގްރައުންޑް ފްލޯގައި ހަދަން ނިންމާފައިވަނީ 25 މީޓަރުގެ ހަތަރު ލޭން ހިމެނޭ ވޯމް އަޕަށް ހާއްސަ ޕޫލެކެވެ. އިންޓަނޭޝަނަލް ސްޓޭންޑަޑަށް ހަދާ ސްވިމިން ޕޫލް ހެދުމަށް ނިންމާފައިވަނީ އިމާރާތުގެ ފުރަތަަމަ ފްލޯގަ އެވެ. އެއީ 50 މީޓަރު ދިގު އަދި 25 މީޓަރު ފުޅާ، ޖުމްލަ 10 ލޭން ހިމެނޭ ޕޫލެކެވެ. ގުރައުންޑް ފުލޯގައި ކެފެޓީރިއާ އަކާއި ސްވިމިންގެ އެކްސަސައިޒްތަކަށް ހާއްސަ ޖިމެއް ވެސް ހިމެނެ އެވެ.

ސްވިމިން ޕޫލްތައް ހިމެނޭ ދެ ފްލޯ ހެދުމުގެ ހުރިހާ ހަރަދެއް ކުރައްވަނީ ސްވިމިން އެސޯސިއޭޝަން އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ.

މީގެ އިތުރުން ސްވިމިން ޕޫލް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ފެއްތުމާއި އިމާރާތް ކުރަން ބޭނުންވާ މުދާ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިސްމާއިލް ވަނީ މައުލޫމާތު ދެއްވާފަ އެވެ. ނަމަވެސް އަމަލީ ގޮތުން ޕޫލުގެ މަސައްކަތް ފެށޭނެ ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަން ފާހަގަ ކުރައްވަމުން އިސްމާއިލް ވިދާޅުވީ "ޝެޑިއުލާއި އެއްގޮތަށް ކުރިއަށް ދާނަމަ ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިމޭނެ" ކަމަށެވެ.

ސަރުކާރުން ސްވިމިން އެސޯސިއޭޝަނަށް ޕޫލް ހަދަން ބިން ދޫކޮށްފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުންވެސް ވަނީ ހުޅުމާލޭގެ ކުޅިވަރު އެކުވެނީގައި ސްވިމިން ޕޫލެއް ގާއިމު ކޮށްފަ އެވެ. ނަމަވެސް އެއީ އިންޓަނޭޝަނަލް ސްޓޭންޑާޑުގެ ސްވިމިން ޕޫލެއް ނޫނެވެ. އެހެން ކަމުން އެތަން ބޭނުން ކުރަނީ ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށާއި އާންމުން ބޭނުން ކުރުމަށެވެ.

ސްވިމިން އެސޯސިއޭޝަނުން ރާވާފައި އޮތީ އާންމުންނަށް ވެސް އަލަށް ހަދާ ސްވިމިން ކޮމްޕްލެކްސް އާއި ސްވިމިން ޕޫލް ބޭނުން ކުރަން ހުޅުވާލާ ގޮތަށެވެ.