ސުވިމިން އެސޯސިއޭޝަން

އާންއާއި ހަމްނާ ގައުމީ ފަސް ރެކޯޑެއް މުގުރާލައިފި

ހަންގޭރީގައި މިހާރު ކުރިއަށްދާ އެ ގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕް އަދި ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި ރާއްޖޭގެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސައިން އާއި ހަމްނާ އަހްމަދު ގައުމީ ފަސް ރެކޯޑެއް މުގުރާލައިފަ އެވެ.

އާން ވަނީ ތިން އިވެންޓެއްގެ ރެކޯޑް މުގުރާލާފަ އެވެ. އެގޮތުން އަށް އަހަރު ވަންދެން މުގުރާ ނުލެވި އޮތް 100 މީޓަރު ފްރީސްޓައިލްގެ ރެކޯޑް އެއް މަސް ތެރޭގައި ދެ ފަހަރަށް އާކޮށް، އެންމެ ފަހުން 00:53.45 އިން ރޭސް ނިންމައި އައު ރެކޯޑެއް ހަދާފަ އެވެ.

މީގެ އިތުރުން 50 މީޓަރު ބެކްސްޓްރޯކް އިވެންޓް 00:28.22 އިންނާއި، 50 މީޓަރު ފްރީސްޓައިލް އިވެންޓް 00:24.29 އިން ނިންމައި ރެކޯޑް މުގުރާލައިފައިވެ އެވެ.

ހަމްނާ ވަނީ ދެ އިވެންޓެއްގެ ރެކޯޑް އާކޮށްފަ އެވެ. މީގެތެރޭގައި ފަސް އަހަރު ވަންދެން މުގުރާނުލެވި އޮތް 100 މީޓަރު ބްރެސްޓްސްޓްރޯކްގެ ރެކޯޑް 01:23.76 އިން އާކުރުމާއެކު، 50 މީޓަރު ބްރެސްޓްސްޓްރޯކްގެ ރެކޯޑް 00:37.13 އަށް ރަނގަޅުކޮށްފައިވެ އެވެ. 50 މީޓަރު ބްރެސްޓްސްޓްރޯކްގެ ކުރީގެ ރެކޯޑަކީވެސް މިދިޔަ އަހަރު ހަމްނާ ހެދި ރެކޯޑެކެވެ.