ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯޓް ކޯސް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމާއި، މެރާލް އައިން ލަތީފް އާއި، އަމްނާ ތަޒްކިޔާ މިރްސާދު އަދި އިޒްޔާން ނާޒިމް ގައުމީ ފެތުމުގެ ރިކޯޑުތަކެއް މުގުރާލައިފި އެވެ.
މި މުބާރާތުގައި ރިހާން ވަނީ ހަ އިވެންޓެއްގެ ގައުމީ ރިކޯޑު މުގުރާލާފަ އެވެ. މީގެތެރޭގައި ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ރިހާން މުގުރާލީ އެއް މިނެޓު 2.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ އަލީ އިމްއާންގެ އަތުގަ އެވެ. އެއީ 2021 ވަނަ އަހަރު ބޭއްވި 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، އެއް މިނެޓު 3.02 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
ރިހާން ދެން މުގުރާލާފައިވަނީ ފިރިހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑު އޭނާ މުގުރާލީ 29.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑުވެސް މީގެ ކުރިން އިމްއާންގެ އަތުގައި އޮތްއިރު އޭނާ ރިކޯޑު ހަދާފައިވަނީ ސްވިމިން ވޯލްޑް ކަޕް 2021 ގައި 29.23 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު ރިހާން މުގުރާލީ 59.69 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ ނިޝްވާން އިބްރާހީމްގެ އަތުގައެވެ. އެއީ 2016 ވަނަ އަހަރު ބޭއްވި 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، އެއް މިނެޓު 0.71 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ފިރިހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު ރިހާން އައުކޮށްފައިވަނީ ދެ މިނެޓު 21.75 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ ރިހާންގެ އަތުގަ އެވެ. އެއީ 2022 ވަނަ އަހަރު ބޭއްވި 16 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ދެ މިނެޓު 27.12 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިހާން ދެން މުގުރާލާފައިވަނީ ފިރިހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑު އޭނާ މުގުރާލީ 27.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން ނިޝްވާންގެ އަތުގައި އޮތްއިރު އޭނާ ރިކޯޑު ގާއިމުކޮށްފައިވަނީ 2014 ވަނަ އަހަރު ބޭއްވި 12 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި 27.68 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މި ފަހަރުގެ މުބާރާތުގައި ފިރިހެނުންގެ ޝޯޓް ކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ރިހާން މުގުރާލީ ދެ މިނެޓު 3.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރިކޯޑު އޮތީ މުބާލް އައްޒާމް އިބްރާހީމްގެ އަތުގަ އެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދެ މިނެޓު 5.04 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި މެރާލް ވަނީ ގައުމީ ހަތަރު ރިކޯޑެއް ގާއިމުކޮށްފަ އެވެ. އެގޮތުން އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު މެރާލް އާކޮށްފައިވަނީ އެއް މިނެޓު 11.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ މެރާލްގެ އަތުގަ އެވެ. އެއީ މި އަހަރުގެ މެދުތެރޭގައި ބޭއްވި ރަޝްމޫ ރޯޔަލްސް ސަމާ ޝޯޓް ކޯސް އޯޕަން މީޓުގައި އެއް މިނެޓު 13.94 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު މެރާލް އާކޮށްފައިވަނީ ދެ މިނެޓު 54.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑުވެސް މީގެ ކުރިން މެރާލްގެ އަތުގައި އޮތްއިރު އޭނާ ރިކޯޑު ގާއިމުކުރީ މިދިޔަ އަހަރު ބޭއްވި މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔާގައި ދެ މިނެޓު 54.52 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު މެރާލް މުގުރާލީ 31.41 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ އައިޝަތު އުލްޔާ ޝާއިގުގެ އަތުގަ އެވެ. އެއީ މި އަހަރުގެ މެދުތެރޭގައި ބޭއްވުނު ބްރޭކާސް ބިގް ސްޕްލޭޝްގައި ވާދަކޮށް، 31.76 ސިކުންތުން ރޭސް ނިންމައިގެންނެވެ. މެރާލް ދެން މުގުރާލާފައިވަނީ އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑެވެ. އޭނާ ރިކޯޑު މުގުރާލީ އެއް މިނެޓު 14.07 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ ހަމްނާ އަހްމަދުގެ އަތުގައެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި އިޒްޔާން ވަނީ ގައުމީ ދެ ރިކޯޑެއް ގާއިމުކޮށްފަ އެވެ. އެއީ ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އަދި 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުތަކުގެ ރިކޯޑެވެ.
މި މުބާރާތުގައި ޖުމްލަ 16 ގައުމީ ރިކޯޑު މުގުރާލެވިފައިވާއިރު ރާއްޖޭގެ ހަތަރު ފެތުންތެރިންގެ ފަރާތުން އެކި އިވެންޓުތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދިފައިވާކަން ފާހަގަކުރެވެ އެވެ.