ސުވިމިން އެސޯސިއޭޝަން

ހަންގޭރީ މުބާރާތްތަކުގައި އާން ގައުމީ 8 ރެކޯޑް މުގުރާލައިފި

ހަންގޭރީގައި ފަހުން ބޭއްވުނު ފެތުމުގެ މުބާރާތްތަކުގައި ދިވެހި ގައުމީ ފެތުންތެރިޔާ މުހައްމަދު އާން ހުސައިން ވަނީ ޖުމްލަ އަށް ގައުމީ ރެކޯޑް އާކޮށްފަ އެވެ.

އުމުރުން 20 އަހަރުގެ އާން އެންމެ ފަހުން ހާސިލުކުރި ރެކޯޑަކީ ހަންގޭރީގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ 100 މީޓަރު އިންޑިވިޖުއަލް މެޑްލޭގައި ކުރިން މުބާލް އައްޒާމް އިބްރާހީމް (1:04.51) ގާއިމުކޮށްފައިވާ ރެކޯޑެވެ. އާން މި ރޭސް ނިންމީ 1:04.19 ގައެވެ.

އާން މި މުބާރާތްތަކުގައި ހާސިލުކުރި އެހެން ރެކޯޑްތަކުގެ ތެރޭގައި:

  • 100 މީޓަރު ފްރީސްޓައިލް (ދެ ފަހަރު)
  • 50 މީޓަރު ފްރީސްޓައިލް (ދެ ފަހަރު)
  • 200 މީޓަރު ފްރީސްޓައިލް
  • 50 މީޓަރު ބެކްސްޓްރޯކް
  • 50 މީޓަރު ބަޓަފްލައި
  • 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ

ހާއްސަކޮށް ފާހަގަކޮށްލެވެނީ 100 މީޓަރު ފްރީސްޓައިލްގެ ރެކޯޑެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން ނިޝްވާން އިބްރާހިމްގެ އަތުގައި އޮތް ރެކޯޑެކެވެ.

އާން މިމަހު ތެރޭގައި މި ރެކޯޑް ދެފަހަރަށް އާކޮށްފައިވެ އެވެ. ފުރަތަމަ 54.89 ސިކުންތުން އަދި ފަހުން 53.45 ސިކުންތުންނެވެ. ނިޝްވާންގެ ކުރީގެ ރެކޯޑަކީ 56.25 ސިކުންތެވެ.