ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮޓަމޭޓެޑް ޓައިމިން ސިސްޓަމް އަދި ޕުޝްޕެޑް ބޭނުންކޮށްގެން ފެތުންތެރިންގެ ޓައިމިން ނަގަން ފަށައިފި އެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނި ގޮތުގައި މި ސިސްޓަމް ގާއިމުކުރީ އެ އެސޯސިއޭޝަން އާއި ބެލެނިވެރިންގެ އެހީތެރިކަމާއެކުގަ އެވެ.
ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން ގާއިމުކުރި މި ސިސްޓަމްގެ ސަބަބުން ފެތުންތެރިންގެ ކުރިއެރުމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.
ފެތުންތެރިންގެ ޓައިމިން ބެލުމަށް މިހާތަނަށް ބޭނުންކުރީ ސްޓޮޕްވޮޗެވެ.
ސްޓޮޕްވޮޗް ބޭނުންކުރުމުން އެންމެ އެކިއުރޭޓް ޓައިމިން ނުނެގުމުގެ ޝަކުވާ ހުރި ނަމަވެސް މި ސިސްޓަމާއެކު ފެތުމުގެ ރޭސްތައް ނިމުމާއެކު ކޮންމެ ފެތުންތެރިއަކަށްވެސް އެ ފެތުންތެރިއަކު ރޭސް ނިންމި ވަގުތު ވަގުތުން ވަގުތަށް ފެންނަން ހުންނާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.
އެ އެސޯސިއޭޝަނުން ބުނި ގޮތުގައި މިސިސްޓަމަކީ ބައިނަލްއަގުވާމީ ފެތުމުގެ ޖަމިއްޔާގެ އެޕްރޫވަލް ލިބި ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައިވެސް ބޭނުންކުރާ ސިސްޓަމެކެވެ.