ކުޅިވަރު

ސްވިމިން ޕޫލްގެ މަސައްކަތް ފެށޭނީ މަޝްވަރާތަކަށް ފަހު

ރާއްޖޭގައި ގާއިމުކުރާ އޮލިމްޕިކް ސްޓޭންޑަޑްގެ ސްވިމިން ޕޫލްގެ މަސައްކަތް ނުފެށި ލަސް ވަނީ އިތުރު ކަންކަން ކުރިމަތިވުމުން ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފި އެވެ.

އެ އެސޯސިއޭޝަންގެ ނައިބު ރާއިސް އިސްމާއީލް އަލީ ވިދާޅުވީ ސްވިމިން ޕޫލްގެ މަސައްކަތް ފެށުން ލަސްވަނީ ކުރެހުންތައް ނިންމުމަށް ފަހު އިނޓަނޭޝަނަލް ސްވިމިން ފެޑެރޭޝަނަށް ފޮނުވުމުން އެ ކުރެހުމަށް ރެކޮމެންޑޭޝަންތަކެއް ދިނުމުން ސަރުކާރާ މަޝްވަރާކޮށް ބަދަލުތަކެއް ގެންނަން ޖެހުމުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރާއްޖޭގައި އޮލިމްޕިކް ސައިޒުގެ ސްވިމިންޕޫލެއް އަޅާއިރުގައި ބައިނަލްއަލަގުވާމީ މުބާރާތްތައް ބޭއްވޭނެ ފެންވަރު ވެސް ހުންނަން ޖެހޭނެ ކަމަށެވެ.

"އިންޓަނޭޝަނަލް ސްޓޭންޑާޑްގެ ސްވިމިންޕޫލަކީ ފްރެޝް ވޯޓާގައި ވަރުގަދަ ބޮޑު އިމާރާތެއް ގޮތަށް ކޮންކްރީޓާ އެއްޗެހި އަޅައިގެން ބޮޑު ހަރަދެއް ކޮށްގެން އަޅާ ތަނެއް... ކުރިން ވެސް ދެންނެވި ފަދައިން ފައިސާގެ ދަތިކަމެއް އުޅެނީއެއް ނޫން، ވާންޖެހޭ ޓެކްނިކަލް ތައްޔާރީތައް އަދިވެސް ހުރުމުން ލަސްވަނީ،"

މީގެ އިތުރުން އޭނާ ވިދާޅުވީ އޮލިމްޕިކް ސްޓޭންޑަޑަށް ހަދާ ނަމަ ބިމުގެ ކަންކަމާ މެދު ވެސް ސަރުކާރާއެކު އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

މި ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.