ދުނިޔެ

ޓޭންކަރަށް ހަމަލާދިނީ އީރާނުން ކަމަށް ބުނަން ހެއްކެއް ނެތް: އީރާން

ތަންޒޭނިއާގެ ދާރުއްސަލާމް ބަނދަރުން ފުރައިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފުޖައިރާއަށް ދަތުރުކުރަމުން ދިޔަ މާސާ ސްޓްރީޓް ތެޔޮ ޓޭންކަރަށް ޖުލައި 29 ގައި ގޮތް ނޭނގޭ ބަޔަކު ދިން ހަމަލާގެ ޒިންމާ ނަގަންޖޭހޭނީ އީރާނުން ކަމަށް އެމެރިކާ އާއި އިނގިރޭސިން ބުނެ އެވެ. އީރާނުން ބުނީ ތެޔޮ ޓޭންކަރަށް ހަމަލާދިނީ އީރާނުން ކަމަށް ބުނަން ހުޅަނގުން ދައްކާނެ ހެއްކެއް ނޯންނާނެ ކަމަށެވެ.

މާސާ ސްޓްރީޓް ތެޔޮ ޓޭންކަރު އިންޑިއާ ކަނޑުގެ ބޭރުން އޮމާން ކަނޑުއޮޅިއަށް ވާގޮތަށް ދަތުރުކޮށްފައި ދަނިކޮށް ދިން ޑްރޯން ހަމަލާގައި ދެމީހަކު ވަނީ މަރުވެފަ އެވެ. އެއީ ރޯމަނަކާއި އިނގިރޭސި އެކެވެ.

އެސޯސިއޭޓް ޕްރެސް ބުނާ ގޮތުން ޓޭންކަރަކީ ޖަޕާންގެ އުޅަނދެކެވެ. އޮޕަރޭޓްކޮށް ބަހަލައްޓަނީ އިޒްރޭލުގެ ބިލިޔަނަރު އިޔާލް އޮފާގެ ޒޯޑިއަކް ގުރޫޕްގެ އިނގިރޭސި ގޮފި، ޒޯޑިއަކް މެރިޓައިމުންނެވެ. ޓޭންކަރަށް ހަމަލާދިން އިރު އޮތީ އޮތީ ހުސްކޮށެވެ.

އީރާންގެ ޔޫކޭ އެމްބަސީން ބުނީ މާސާ ސްޓްރީޓް ތެޔޮ ޓޭންކަރަށް ހަމަލާ ދިނުމުގައި އީރާން ބައިވެރިވެފައިވާ ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން އެހަދަނީ ބުހުތާން ދޮގު ކަމަށާއި އިލްޒާމް އަޅުވަން ވާނީ ސާބިތު ހެކި ހުރެގެން ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން ހެކި ދައްކަން،" އެމްބަސީގެ ޓްވީޓްގައި ބުނެފައިވެ އެވެ.

އެމްބަސީން ބުނީ ޒައްރެއްގެ މިންވަރު ވެސް އަދި ހެކި ދެއްކިފައި ނުވާ ކަމަށެވެ.

އީރާނުން ބުނީ އެއްޗެކޭ މީއްޗެކޭ ކިޔައި އީރާންގެ މަސްލަހަތާ ގުޅުން ހުރި އެއްވެސް ތަނަކަށް އަދި މީހަކަށް ހަމަލާއެއް ދީފި ނަމަ މޮޔަ ހިތަށްއަރާވަރު ކޮށްލާނެ ކަމަށާއި ބަޑިބޭހާ ކުޅެން އުޅޭނެ ކަމެއް ނެތް ކަމަށެވެ.

"އީރާންގެ އަމަން ނަގާލައި ދުނިޔެއަށް ގިނަކުރަން ވިސްނާނެ ކަމެއް ނެތް،" ބަޔާނުގައި ބުނެފައިވެ އެވެ.

އީރާނުން ބުނީ ހުޅަނގަކީ ކަމެއް ކުރެވޭ ވަރުގެ ބައިގަނޑެއް ނަމަ މިހާރު އޮންނާނީ އެކަމެއް ކޮށްފައި ކަމަށެވެ.