އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ ގުޅިގެން އަސްކަރީ އެއްބާރުލުމެއް، އޯކަސްގެ ނަމުގައި މިދާކަށް ދުވަހު އެކުލަވާލައި ސޮއި ކޮށްފައި ވެއެވެ. މި ތިން ގައުމުން ބުނަނީ އެއްބަސްވުމުގެ އަސާސީ ބޭނުމަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ޚާއްސަކޮށް ދެކުނު ޗައިނާ ކަނޑުގައި، ޗައިނާއި ވަކި ހިއްޕައި އަވައްޓެރި ގައުމުތަކަށް ކުރާ ޖެއްސުން ހުއްޓުވުން ކަމަށެވެ.
ޗައިނާއިން އަސްކަރީ ގޮތުން ހޯދަމުން ގެންދާ ބާރުވެރިކަމާ ކުރިމަތިލުމަށް ބައިވެރިން އުފެއްދުމަކީ ވެސް މި އެއްބަސްވުމުގެ ފަރުދާގެ ފަހަތު އެޖެންޑާއެކެވެ.
އޯކަސް އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި އިނގިރޭސިވިލާތުން އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރީން ފޯރު ކޮށްދޭނެ އެވެ. އޮސްޓްރޭލިއާއަށް ފޯރުކޮށް ދެނީ ކޮން ފެންވަރެއްގެ ނިއުކްލިއާ ސަބްމެރީންތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ބޮޑަށް ބެލެވެނީ ވެޕަން ގްރޭޑް، ހަތިޔާރު އުފައްދަން އެކަށީގެންވާ ފެންވަރަށް ފައްކާ ކޮށްފައި ހުރި ނިއުކްލިއާ މާއްދާތައް ހިމެނޭ ސަބްމެރީން ކަމަށެވެ.
އޮސްޓްރޭލިއާގައި ނިއުކްލިއާ ސަބްމެރީން އަދި ނެތެވެ. އެ ގައުމުގައި ހުރީ އެންމެ ނިއުލިއާ ޕަވާޕްލާންޓެކެވެ. ބޭނުން ކުރަނީ ސައިންސްގެ ހޯދުންތަކާއި ބޭސްވެރި ކަމުގަ އެވެ. އެހެންކަމުން އޮސްޓްރޭލިއާއަށް ނިއުކްލިއާ ވަސީލަތެއް ފޯރު ކޮށްދޭއިރު އެ އެއްޗެއް އޮޅު ކޮށްގެން ގެންގުޅޭނެ ގޮތާއި ރައްކާތެރި ކުރާނެ ގޮތް އަދި އިތުރު ކުރާނެ ގޮތް އެމެރިކާ އާއި އިނގިރޭސިވިލާތުން ދަސް ކޮށްދޭނެ އެވެ.
ދުނިޔެއިން ނިއުކްލިއާ ނައްތާލަން ޖެހޭ ކަމަށް ބުނެ އެންމެ ބޮޑަށް ވަކާލާތުކުރާ ދެ ގައުމަކީ ވެސް އެމެރިކާ އާއި އިނގިރޭސިވިލާތެވެ. ވިލާތުން ވެސް ދަނީ މި ދެ ގައުމުގެ ފިޔަވަޅުމަތީގައި ފިޔަވަޅު އަޅަމުންނެވެ. އެކަމަކު އޮސްޓްރޭލިއާއަށް ނިއުކްލިއާ ދީފައި އީރާން ރަށުބަންދު ކުރުމުން މިޖެހުނީ ކޮންތަނަކު ހެއްޔެވެ؟
އީރާނުން ނިއުކްލިއާ މާއްދާތައް ފައްކާ ކުރުން ހުޅަނގަށް ވެފައި އޮތީ ބޮޑު ރިހުމަކަށެވެ. ނިއުކްލިއާ މާއްދާތައް ހަތިޔާރު އުފެއްދޭ ފެންވަރަށް އީރާނުން މުއްސަނދި ނުކުރާނެ ކަމަށް ކަރުން ނާރު ނަގާފައި ބުންޏަސް، އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮންނަތާ ބައިގަރުނު ވަނީ އެވެ.
އީރާނަށް ލިބެން ޖެހޭ ބިލިއަނަށްވުރެ ގިނަ ޑޮލަރު ދުނިޔޭގެ ގައުމުތަކުގައި އެބަ ހުއްޓެވެ. ދެކުނު ކޮރެއާ އަދި ޖަޕާންގެ ބޭންކުތަކުގައި ވެސް އެބަހުއްޓެވެ. މި ފައިސާ އަކީ އީރާނުން ވިއްކާ ތެލަށް ލިބެން ޖެހޭ އަގެވެ. އެކަމަކު ވެސް އެމެރިކާގެ ރުހުމެއް ނެތި އެ ފައިސާތައް އީރާނަށް ދޫކުރަން އެ ގައުމުތަކުން ޖެހިލުން ވެއެވެ.
އެމެރިކާއާ އޮސްޓްރޭލިއާ އޮތް ގާތް ކަމެއްގެ ސަބަބުން އޮސްޓްރޭލިއާއަށް ނިއުކްލިއާ ދެނީ އެވެ. އޮސްޓްރޭލިއާއާ މެދު އެމެރިކާއަށް އޮތް ޔަގީން ކަމަކީ އެމެރިކާ ބުނާ ނޫން ތަނަކަށް އޮސްޓްރޭލިއާއިން ނިއުކްލިއާ ހަމަލާ ނުދޭނެ ކަމެވެ.
އީރާނަކީ ދޭތެރެ ދޭތެރެއިން އެމެރިކާއަށް ޖެއްސުންކޮށް ޒުވާބުކުރާ ގައުމެކެވެ. އެކަމަކު ޒުވާބު ކުރަނީ ވެސް އީރާންގެ މައްޗަށް ގަދަވެގަނެ އަދި ނުވީތަނަކަށް އެެހެން ގައުމުތައް ލައްވައި އީރާނަށް ޖެއްސުން ކުރާތީ އެވެ.
އެމެރިކާއަށް އީރާނާ މެދު އޮތް ބިރުވެރި ކަމަކީ އެމެރިކާ އާއި ބައިވެރިން ނިއުކްލިއާ އެހީތެރިކަން އީރާނަށް ނުދިނަސް، ހުރި ތަނަކުން ހޯދައިގެން ގެންގޮސް ނިއުކްލިއާ ބޮން އުފައްދާނެ ކަމެވެ. އަދި އެވެނި މިވެނި ގައުމަކަށް ހަމަލާދީގެން ނުވާނެ ކަމަށް އެމެރިކާއިން ބުނެފި ނަމަ ލަސްތަކެއް ނުވެ އެތަނަކަށް އީރާނުން ހަމަލާ ދޭނެ ކަމެވެ.
އީރާނުން އަބަދުވެސް ބުނާ އެއް ވާހަކައެއް އޮވެ އެވެ. އިޒްރޭލަކީ އަންދާލަން ޖެހިފައި އޮތް ގައުމެކެވެ. މިއަށް ވުރެ ބިރުވެރި ޖުމުލައެއް އެމެރިކާ އަޑެއް ނާހަ އެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަފާނެ ކަމަށް ބިރުން އީރާން ރަށުބަންދުކޮށް ކަސްތަޅު އަޅުވާފައި އެއޮތީ މި ސަބަބުތަކާ ހެދި އެވެ. އެކަމަކު ކޮންމެ ބައެއްގެ އަތުގައި ހުރި ނަމަވެސް ނިއުކްލިއާ ހަތިޔާރު ވާނީ ނިއުކްލިއާ ހަތިޔާރަށެވެ.