އިނގިރޭސިވިލާތުން އިރާނުގެ ޓޭންކަރެއް ހިފަހައްޓާފައިވާތީ 2015 ވަނަ އަަހަރުގެ ނިއުކްލިއާ އެއްބަސްވުމަށް އަމަލު ކުރަން ދަތިވާނެ ކަމަށް އިރާނުން ބުނެފި އެވެ.
ފަސް ގައުމެއް އެކުވެގެން މިހާރު ކުރިއަށްދާ ޖޮއިންޓް ކޮންމްޕެރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސައީދު އައްބާސް އެރްޖީ ވިދާޅުވީ، އިނގިރޭސިވިލާތުން އިރާންގެ ޓޭންކަރު ހިފެހެއްޓި ހިސާބުން ނިއުކްލިއާ އެއްބަސްވުމާއި ދެކޭގޮތް ބަދަލުވެފައިވާ ކަމަށެވެ.
ޔޫރަޕްގެ ގައުމުތަކުން އިރާނުން ތެޔޮ އެކްސްޕޯޓް ކުރުމާއި އެއްވެސް ވަރަކަށް ބެހިގެން ނުވާނެ ކަމަށްވެސް އެރްޖީ ވަނީ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. ޖޭސީޕީއޯއޭ ބައްދަލުވުމުގައި ބައިވެރިވާ ގައުމުތަކަކީ އިނގިރޭސިވިލާތާއި ޗައިނާ އާއި ޖަރުމަންވިލާތާއި ފަރަންސޭސީވިލާތް އަދި ޗައިނާ އެވެ.
މި ގައުމުތަކުގެ ތެރެއިން އިރާނާއި ގުޅުން ގޯސްވެފައިވަނީ އިނގިރޭސިވިލާތާ އެވެ. އެއީ އިރާނުން އެކްސްޕޯޓް ކުރި ދެ މިލިއަން ލީޓަރުގެ ތެޔޮ ޓޭންކަރެއް އިނގިރޭސިވިލާތުން ހިފެހެއްޓުމާއި ގުޅިގެންނެވެ. މި މައްސަލައިގައި އިނގިރޭސިވިލާތުން ބުނީ ޓޭންކަރު ހިފެހެއްޓީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕްގެ ކަނޑުގެ ސަރަހައްދުން ބޭނުންކޮށްގެން ސީރިއާ އަށް ތެޔޮ ގެންދިޔުން މަނާވާނެ އެވެ. ނަމަވެސް އިރާނުން ބުނީ ޓޭންކަރުގައި ހުރި ތެލަކީ ސީރިއާއަށް ގެންދަން އުޅުނު ތެޔެ ނޫން ކަމަށެވެ.
ޖޭސީޕީއޯއޭގެ ބައްދަލުވުން ނިންމާލުމަށްފަހު އެރްޖީ މީޑިއާތަކަށް ވިދާޅުވީ، ބައްދަލުވުމުގެ ތެރެއިން ރަނގަޅު ވާހަކަތެއް ދެކެވުނު ކަމަށެވެ. ނަމަވެސް އެއާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ނުބެލޭވޭ ކަމަށެވެ. ބައްދަލުވުމުގައި ބައިވެރިވި ޗައިނާގެ ވަފުދުން ވަނީ އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަށް އަލުން ރިވިއު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އިރާނު ހިމެނޭ ގޮތަށް ދުނިޔޭގެ ބާރުތަކުން ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމުގައިވާ ގޮތުން އިރާނަށް ނިއުކްލިއާ އާއި ޔުރޭނިއަމް ފައްކާ ކުރެވޭ މިންވަރު ވަނީ ލިމިޓް ކޮށްފަ އެވެ. އަދި ބައެއް އަސްކަރީ ހަތިޔާރުތަށް ބޭނުންކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އިރާނުން މި އެއްބަސްވުމާއި ހިލާފުވެ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ފައްކާ ކުރަން ފެށީ އެމެރިކާއިން އެއްބަސްވުމުން ވަކިވުމުންނެވެ.
ޔުރޭނިއަމް އިތުރަށް ފައްކާ ކުރަން ނިންމުމުން، އެމެރިކާ އަދި އީޔޫ އިން ވަނީ އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.