އީރާނަށް އިގުދިސޯދީ ގޮތުން ދަތިކުރަން އެމެރިކާ އާއި ވިލާތުން އަޅާފައި ހުރި ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުނިކުމެ އެވެ. އަމުދުން އެެމެރިކާއާ ބައިވެރިން އުއްމީދުުރާ ވަރުގެ ބޮޑު ގެއްލުމެއް އީރާނަށް ލިބޭ ތަނެއް ނުފެނެ އެވެ.
ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އީރާނަށް ދަތިކުރަން އަޅާފައި ހުރި ފިޔަޅަޅުތަކުގެ ސަބަބުން ހަގީގަތުގައި އީރާނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. އެހެން ނަމަވެސް ޗައިނާއާ ރަޝިއާ އަދި ސީރީއާ ފަދަ ގައުމުތަކާ ހެދި ބޮޑެތި ގެއްލުންތަކުން އީރާން ގިނަ ފަހަރު ސަލާމަތްވެ އެވެ.
ޗައިނާއަށް ބޭނުންވާ ތެޔޮ ހޯދުމުގައި އީރާނަކީ ޗައިނާއަށް ވަރަށް ބޮޑު އެހީތެރިއެކެވެ. ތެލުގެ އަސްލު އޮޅުވާލައިގެން ނަމަވެސް އީރާނުން ޗައިނާއަށް ތެޔޮ ވިއްކާކަން އެމެރިކާއަށް އެނގެ އެވެ.
އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ވެންޑީ ޝާމަން ޖުލައިގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ އޮފިޝަލުންނާ ކުރެއްވި މަޝްވާރާތަކުގައި އީރާނުން، ޗައިނާ ތެޔޮ ގަންނަ މިވަރު ދަށްކުރުމަށް އޮތީ އެދިވަޑައިގެންފަ އެވެ.
ޗައިނާއިން އީރާން ހިމާޔަތްކުރާ ކަމަށް ވެންޑީ ޝާމަން ވިދާޅުވި ކަމަށް އެއިރު ހާޒިރުވެ ތިބި ޔޫރަޕްގެ އޮފިޝަލުން ބުނެ އެވެ. އަދި ޗައިނާއިން އެތެރެކުރާ ތެލުގެ އަދަދު ޝިޕްމަންޓަކަށް ފަހު ޝިޕްމަންޓެއް އިތުރުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ ދެކޭ ގޮތުގައި ޗައިނާއާ ބައިވެރިން އީރާނަށް އަޅާލާހާ ހިނދަކު ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާން ސަމާލުކަމެއް ނުދޭނެ އެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮންނަތާ އެތައް ޒަމާނެއް ވެއްޖެ އެވެ.
އީރާނަށް ނިއުކްލިއާ ބާރު ލިބިގަތަ ނުދިނުމަށް އެމެރިކާއާ ވިލާތުން ދަނީ މަޅިތައް ޖަހަމުންނެވެ. ބަރަކް އޮބާމާ ސަރުކާރުން 2015 ގައި ހެދި ނިއުކްލިއާ އެއްބަސްވުމަކީ ވެސް އޭގެ ޒާތުގައި މަޅިއެކެވެ. އީރާނުން ނިއުކްލިއާ ލިބިގަތުން ހުއްޓާލައިފި ނަމަ ދަތިކުރުން އުވާލައި އަދި އެހެނިހެން ލުއިތައް ދޭ ގޮތަަށް އޮތީ އެއްބަސްވެފަ އެވެ.
އެހެން ނަމަވެސް އެމެރިކާގެ ވެރިކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެން 2018 ގައި ނިއުކްލިއާ އެއްބަސްވުން އުވާލައި އީރާނަށް އަލުން ދަތިކުރަން ފެށީ އެވެ.
އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑަން ހަވާލުވެ ވަޑައިގެން އީރާނާ އެކު ސުލްހަވެރި ގޮތަކަށް އެއްބަސްވުމެއް ގާއިމުކުރެވޭތޮ ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެހެން ނަމަވެސް އަދި ވެސް ކޮޅުމަތި އޮތީ ފުސްކޮށެވެ.