ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ޗައިނާއިން ބުނެފި އެވެ. ބައިނަލްއަގްވާމީ ވިޔަފާރި މިންގަނޑުތަކުން ޗައިނާގެ ކުންފުނިތައް ބޭރުވެފައި ނުވާނެ ކަމަށް ވެސް ޗައިނާ ބުނެ އެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާއޯ ނިންގް ވިދާޅުވި ގޮތުގައި އެމެރިކާއިން ޗައިނާގެ ކުންފުނިތައް ބްލެކްލިސްޓްކޮށް ބައިނަލްއަގްވާމީ ކުންފުނިތަކާ އެކު މުއާމަލާތްކުރުން މަނާކުރުމުގައި އޮތި އެންމެ ސަބަބެކެވެ.
އެއީ ހަމައެކަނި ޗައިނާއަށް ނިސްބަތްވާ ކުންފުނިތަކަކަށް ވުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ޗައިނާގެ ގްލޯބަލް ޓައިމްސް ނޫސް ބުނާ ގޮތުން އެމެރިކާއިން ވަނީ މިފަހުން ޗައިނާގެ 20 ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އެމެރިކާ ބުނާ ގޮތުން ޗައިނާގެ ކުންފުނިތަކުގެ ސަބަބުން އެ ގައުމުގެ ރައްކާތެރި ކަމަށް ބުރޫއަރަ އެވެ.
ޗައިނާގެ ކުންފުނިތަކުން އީރާނާ އެކު ވަގު ވިޔަފާރީގައި ބައިވެރިވުމާއި އީރާނަށް މާލީ ތަނަވަސްކަން ހޯދައިދިނުމަކީ އެމެރިކާއަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެވެ.
އަނެއްކޮޅުން ޗައިނާގެ ބޯމަދު އާބާދީތަކަށް ނަސްލީ ގޮތުން އަނިޔާކުރުމާއި ގެއްލުން ދިނުމަކީ ވެސް ޗައިނާގެ ސޯޝަލިސްޓް ސަރުކާރަށް ވަފާތެރި ކުންފުނިތަކުގެ އެޖެންޑާއެއް ކަމަށް ވޮޝިންގްޓަން ގަބޫލުކުރެ އެވެ.
ޗައިނާގެ ކުންފުނިތަކުން އުފައްދާ އިލެކްޓްރޯނިކް އާލާތްތައް މެދުވެރިކޮށް ގައުމުތަކުން ޖާސޫސްކުރުމަކީ ވެސް ކުރިއާލައި އެޖެންޑާ ކުރެވިގެން ހިންގާ ޣައިރު ގާނޫނީ އަމަލެއް ކަމަށް ވެސް އެމެރިކާ ބުނެ އެވެ.
އެމެރިކާ ބުނާ ގޮތުން ޗައިނާއަށް ދަތިކުރުމުގައި މިފަހުން ބްލެކްލިސްޓްކުރި ކުންފުނިތަކަކީ ސީދާ ގޮތުން އީރާނަށް މަދަދުވެރިވާ ކުންފުނިތަކެވެ. އީރާންގައި އުފައްދާ ތެލާއި އަދި ތެލާ ގުޅުންހުރި ބާވަތްތައް ވިއްކުމުގައި މި ކުންފުނިތަކުން އަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށް ވެސް އެމެރިކާ ބުނެ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައި އޮތް ދަތިކުރުންތަކުން އެކަށީގެންވާ ނަތީޖާ ނުފެންނަ ސަބަބަކީ އީރާނަށް މަދަދުވެރިވާ ގައުމުތަކުން އީރާނަށް މާލީ ތަނަވަސްކަން ހޯދައިދޭތީ ކަމަށް ވެސް އެމެރިކާ ބުނެ އެވެ.