ސައޫދީ އަރަބިއްޔާ އާއި ޗައިނާއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުމާ މެދު ހުޅަނގުން ޝައްކުކުރާނެ ކަމެއް ނެތް ކަމަށް ސައޫދީގެ ހަކަތައާ ބެހޭ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ ޗައިނާއާ ވާދަކުރުމުގެ ވިސްނުމެއް ސައޫދީ ނުގެންގުޅޭ ކަމަށާއި މަސައްކަތް ކުރައްވަނީ ދެ ގައުމު އެކުގައި -- ގުޅިގެން ތަރައްގީވުމަށް ކަމަށެވެ.
ސައޫދީ އާއި ޗައިނާއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުމާ މެދު އެމެރިކާ ވަރަށް ކަންބޮޑުވެ އެވެ. މިއީ އެމެރިކާ އިން ފާޅުކަން ބޮޑު ގޮތެއްގައި ސައްލާކުރާ މައުލޫއެއް ނޫން ނަމަވެސް އެމެރިކާ އަށް ހުރި އެންމެ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި މި މައްސަލަ ހިމެނެ އެވެ.
ސައޫދީގެ އަމާޒަކީ ޗައިނާއާ އެކު ހަމައެކަނި އިގުތިސާދެއް ނޫނެވެ. ގައުމީ އަދި ސަރަހައްދީ ސަލާމަތާ ގުޅިގެން ހުރި މައްސަލަތަކުގައި ވެސް ސައުދީން ދަނީ ޗައިނާއާ މަޝްވަރާކުރަމުންނެވެ.
ޗައިނާގެ ނުފޫޒު މެދުއިރުމައްޗަށް ފުޅާވުމުގައިވެސް ސައޫދީގެ ދައުރު ވަރަށް ބޮޑެވެ. މިއީ ޒަމާނުއްސުރެ މެދުއިރުމަތީގައި އެމެރިކާ އަށް އޮތް ފުރުސަތު ގެއްލިގެން ހިނގައިދާނެ އިސްނެގުމެކެވެ.
އެމެެރިކާ އަށް ވުރެ ބޮޑަށް ޗައިނާއާ ގުޅެން މަސައްކަތްކުރާތަން ފެންނަ ކަމަށް ނޫސްވެރިއަކު ސުވާލުކުރުމުން އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ -- ވިޔަފާރި އަކީ ފުރުސަތު އޮންނަ ދިމާއަކަށް ފެތުރޭ މުއާހަދާތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ވިޔަފާރިވެރިން އަބަދުވެސް ވިސްނާނީ އިންވެސްޓްކުރުމަށާއި އިންވެސްޓްމަންޓް ކަވަރުކޮށް އަދި ފައިދާ ހެދުމަށެވެ.
ސައޫދީ އެދޭ ގޮތަށް އެމެރިކާ އަށް ކަމެއް ކޮށްދެވެން އޮތްނަމަ އެކަމެއްގައި ޗައިނާ މުހިއްމު ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެމެރިކާ އަށް ކޮށްދެވެން ނެތް ކަމެއްގައި ޗައިނާއާ ގާތްވުމުން ފާޑުކިޔުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާއާ ސައޫދީއާ ދެމެދު ހައިޑްރޮކާބަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަކީ ވެސް އެމެރިކާއަށް އޮތް ކަންބޮޑުވުމެކެވެ. މިހެން ކަން އޮތް ނަމަވެސް، މިއަހަރުގެ މާޗުގައި ސައޫދީގެ ތެެޔޮ ކުންފުނި އަރަމްކޯ އިން ވަނީ ޗައިނާގެ ދެ ކުންފުންޏަކާ އެކު ބިޔަ ދެ މަޝްރޫއެއް އިއުލާންކޮށްފަ އެވެ.
ސައޫދީއާ ޗައިނާއާ ގުޅުން ބަދަހިކުރުމުން އެމެރިކާ އަށް އޮތް އަނެއް ބިރަކީ އެމެރިކާ ޑޮލަރުގެ އަގު ވެއްޓުމެވެ. ސައޫދީއާ ޗައިނާގެ ވިސްނުމަކީ ވެސް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުން ނުކުރުމެވެ.