ދުނިޔެ

އޯޕެކް ޕްލަސްއަށް ތާއީދުކުރުމަކީ އެމެރިކާއާ ދެކޮޅުހެދުމެއް ނޫން: ސައޫދީ

އޯޕެކް ޕްލަސްގެ ނިންމުމަށް ސައޫދީ އަރަބިއްޔާއިން ތާއީދުކޮށް ދުނިޔެގޭ ތެޔޮ ބާޒާރަށް ތެޔޮ ނެރޭ އަދަދު ދަށްކުރަން އެއްބާލުން ދިނުމުގައި އެމެރިކާއަށް ގެއްލުން ދިނުމުގެ ނިޔަތެއް ނެތް ކަމަށް ސައޫދީން ބުނެފި އެވެ.

ސައޫދީގެ މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އާދިލް އަލްޖުބައިރު ވިދާޅުވި ގޮތުގައި އޯޕެކް ޕްލަސްގެ ނިންމުމަކީ ދުނިޔޭގެ އިގުތިސޯދުގެ އަގު ވެއްޓިދާނެ ކަމަށް އެޅި ފިޔަވަޅެކެވެ.

އޯޕެކް ޕްލަސް އަކީ ސައޫދީގެ ބާރުހިނގާ ޖަމާއަތެކެވެ. ދުނިޔޭގައި ތެޔޮ އުފައްދާ 22 ގައުމެއްގެ މެދުގައި އެކުލަވާފައި އޮންނަ މި ޖަމާއަތަކީ ތެޔޮ އުފައްދާ އަދަދާއި އަދި ހާލަތާ ގުޅިގެން ތެލުގެ ބާޒާރަށް -- އަގުތަކަށް ބަދަލު ގެނައުމުގެ ބާރު އޮންނަ ޖަމާއަތެކެވެ.

އޯޕެކް ޕްލަސް އިން މިދިޔަ ބުދަ ދުވަހު އެއްބަސްވި ގަރާރުގައި އޮތް ގޮތުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ އަދަދުން ދެ މިލިއަން ފީފާ މަދުކުރާނެ އެވެ.

ސައޫދީ އަރަބިއްޔާގެ ވިސްނުމަކީ އެމެރިކާއަށް ގޮންޖަހައި ދަތިކުރުން ކަމަށް ހަބަރުތަކުގައި ބުނާތީ އެކަމަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ އެއީ ބަޔަކު ދޭތެރެޖައްސަން ދައްކާ ވާހަކައެއް ކަމަށެވެ.

ޖުބައިރު ވިދާޅުވި ގޮތުގައި ސައޫދީގެ ނިޔަތަކީ އެމެރިކާއަށް ޖެއްސުންކުރުން ކަމަށް ބަޔަކު ބުނާ ނަމަ އެއީ ހެޔޮ ނިޔަތެއްގައި ދައްދާ ވާހަކައެއް ނޫނެވެ.

ތެލަކީ ހަތިޔާރެއް ގޮތުގައި ސައޫދީން ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ. އަދި ސިޔާސީ ވަކި އެޖެންޑާއަކަށް މަގުފަހި ކުރުމަށް ވެސް ތެލުގެ އަގަށް / އުފައްދާ ނިސްބަތަށް ބަދަލު ނުގެންނާނެ ކަމުގައި ވިދާޅުވި އެވެ.

ސައޫދީ ވަޒީރު ވިދާޅުވި ގޮތުގައި އޯޕެކް ޕްލަސްގެ ވިސްނުމުގައި އޮތީ ތެލުގެ އަގު ވެއްޓުނަ ނުދިނުމެވެ. އަދި އަގުއަރައިގެން ގޮސް އާންމުންގެ އަތްނުފޯރާވަރު ވިޔަ ނުދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގައި ތެލުގެ އަގު އުފުލެން މެދުވެރިވެފައި އޮތް ސަބަބަކީ އެކަށިގެންވާ ވަރަށް ތެޔޮ ސާފުކުރާނެ ކާރުޚާނާ ނެތުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ފާއިތުވި 20 އަހަރު ތެރޭގައި ވެސް އެމެރިކާގެ ހާލަތަކީ އެއީ ކަމަށެވެ.