ދުނިޔެ

ދަތިކުރުން އުވާލައިފި ނަމަ ތެޔޮ އެކްސްޕޯޓްކުރުން އިތުރު ކުރާނަން: އީރާން

އީރާނުން ތެޔޮ އުފައްދައި އެކްސްޕޯޓްކުރާ އަދަދު އިތުރު ކުރަން ވިސްނާ ކަމަށް ސްޓޭޓް މީޑިއާއިން ބުނެފި އެވެ.

އީރާނަށް ދަތިކުރަން އެމެރިކާ އާއި ބައިވެރިން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުޔެއް ލިބިދާނެ ކަމަށް ބަލައި، ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށާއި ސާފު ނުކުރާ ތެޔޮ ވިއްކެން ހުރި އެންމެ ގިނަ އަދަދަކަށް ވިއްކަން ތައްޔާރު ވުމަށް، އޮއިލް މިނިސްޓްރީ އަށް ސަރުކާރުން އަންގާފައި ވެ އެވެ.

ޖޯ ބައިޑަން އެމެރިކާ ސަރުކާރާ ހަވާލުވެވަޑައިގެން ލަސް ނުކުރައްވައި އީރާނާ މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ. ބައިޑަން ވެސް ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކަވައި، އީރާނާއެކު ބާއްވަން އެދިވަޑައިގަންނަވާ ގުޅުމާބެހޭ ގޮތުން ބަސް ވިދާޅުވެފަ އެވެ. މި ފުރުސަތުގެ ބޭނުން ހިފައި އީރާނުން ވިސްނަނީ އިގުތިސޯދީ ގޮތުން ގައުމާއިގެން ކުރިއަށް ޖެހިލުމަށެވެ.

އީރާންގެ ރައީސް، ހަސަން ރޫހާނީއާ ހަވާލާ ދެއްވައި، ސްޓޭޓް މީޑިއާއިން ބުނި ގޮތުގައި، އެމެރިކާއިން އީރާނާއެކު ހަދާފައި އޮތް ނިއުކްލިއާ ޑީލް 2018 ގައި ޑޮނަލްޑް ޓްރަމްޕް އުވާލައްވަންދެން ދުވާލަކު ދެ މިލިއަން ފީފާއަށް ވުރެ ގިނައިން ތެޔޮ އެކްސްޕޯޓްކުރި އެވެ.

ޓްރަމްޕް ވަނީ މެއި 8، 2018 ގައި އީިރާން ނިއުކްލިއާ ޑީލް އުވާލައްވައި ދަތިކުރުމުގެ ފިޔަވަޅު އިހުނަށް ވުރެ ވަރުގަދަ ކުރައްވާފަ އެވެ. އީރާންގެ އިގުދިސޯދަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.