ދުނިޔެ

ޕޫޓިން ވިދާޅުވަނީ އެމެރިކާއާ އެކު ވަކި ހެޔޮ ބަދަލަކަށް އުންމީދުނުުރައްވާ ކަމަށް

އެމެރިކާގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ޖޯ ބައިޑަންއަށް މަރުހަބާ ދެއްނެވުން، ރަޝިއާގެ ރައީސް، ޕޫޓިންއަށް ފަސޭހަފުޅު ކަމަކަށް ނުވި އެވެ. ގައުމުތަކުގެ ލީޑަރުންގެ ތެރެއިން އެންމެ ފަހުން އިހުތިރާމް އަދާކުރެއްވީ ޕޫޓިން އެވެ. އެވެސް ހަ ހަފުތާ ފަހުންނެވެ.

ބައިޑަންއަށް ވެދުން ދަންނަވައި ޕޫޓިން ފޮނުއްވި ނޯޓުގައި އުންމީދު އާ ކުރައްވާފައިވެ އެވެ. ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ދަންނަވާފައިވެ އެވެ. ބައިޑަންއާ އެކު މަޝްވަރާ ކުރައްވަން ތައްޔާރު ކަމަށް ވެސް ވިދާޅުވި އެވެ.

ޕޫޓިން މިހާރު ވިދާޅު ވަނީ، އެމެރިކާއަށް އާ ރައީސަކު ލިބުނެއް ކަމަކު ރަޝިއާއަށް ހެވެއް ނެތް ކަމަށެވެ. ދެ ގައުމުގެ ގުޅުން ހެޔޮ ފާލަކަށް އެޅޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ. ޕޫޓިންގެ ބަސްމަގު ކުއްލިއަކަށް މިގޮތަށް ބަދަލުވި ސަބަބާ މެދު ވިސްނާލާއިރު ފުލުސްޓޮޕް ޖެހެނީ ދެގައުމުގެ ދެމެދުގައި އޮތް ވާދަވެރިކަމަށެވެ.

އެމެރިކާގެ އިދާރާތަކަށް މިދާކަށް ދުވަހު ހެކަރުން ދިން "ސައިބާއެޓޭކް" އަކީ ރަޝިއާ އިސްވެ ކުރި ކަމެއް ކަމަށް ވޮޝިންގްޓަނުން ވަނީ ނިންމާފަ އެވެ. ބައިޑަން ވެސް މި މޭޭރުމުން ބަސް ވިދާޅުވެ، މިކަމުގައި ޓްރަމްޕް ގެންގުޅުއްވާ ގިނިމަޑު ކަމަށް ވަނީ ޗުއްޕު ވިދާޅުވެފަ އެވެ. އަދި ވެރިކަމާ ހަވާލުވެ ވަޑައިގެން ކޮޅެއްގައި ޖައްސަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ކަމަށް 2016 ގައި ޓްރަމްޕް ހޮވިވަޑައިގަތީ ރަޝިޔާއިން ހާޖާނު ހަދައި އިންތިހާބު އޮޅުވާލައިގެން ކަމަށް ބުނެ ދައްކާ ވާހަކަތައް އަޑުއަހާނެ މީހަކު ޓްރަމްޕް ސަރުކާރުގައި ނެތް ނަމަވެސް، އެއީ ބައިޑަން ސަމާލުކަން ދެއްވާނެ ކަމެއް ކަމަށް ބުނެވެ އެވެ.

"ސްޓްރެޓެޖިކް އާމް ރިޑަކްޝަން ޓްރީޓީ" – ނިއުކްލިއާ ވޯހެޑް މަދުކުރަން ދެގައުމުން ވެފައި އޮތް އެއްބަސްވުން ފެބްރުއަރީ 2021 ގައި ނިމުމަކަށް އަންނާނެ އެވެ. އެއްބަސްވުން އާ ކުރަން އަދި އެއްވެސް ކަމެއް ނުކުރެ އެވެ. މިކަމާ ގުޅިގެން ވެސް ދެގައުމުގެ ފިނިހޫނުމިން ވަނީ ބަަދަލު އައިސްފަ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ. މިކަމުގައި އެމެރިކާ ކަންކުރާ ގޮތް ރަޝިއާއަށް ކަމަކުނުދެ އެވެ. ރަސިއާ ކަންކުރާ ގޮތް އެމެރިކާއަށް ކަމަކުނުދެ އެވެ.

ރަޝިއާގައި ހުރި އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތައް – އެމްބަސީ ފިޔަވައި، ބަންދު ކުރަން ވަނީ ނިންމާފަ އެވެ. މިހުރިހައި ކަމެއް މިހެން ހުރިއިރުވެސް ޓްރަމްޕް ވިދާޅުވަނީ އެމެރިކާގެ ވެރިކަން ބަދަލުވުމަކީ ދެ ގައުމަށް ވެސް ލިބޭ ހެޔޮ ފުރުސަތަކަށް ހެދިދާނެ ކަމަށެވެ.