ދުނިޔެ

ދޮޅުމަސް ފަހުން ޕޫޓިން، ބައިޑަންއަށް މަރުހަބާ ދަންނަވައިފި

އެމެރިކާގައި މިއަހަރު ބޭއްވި ރިޔާސީ އިންތިހާބު ޖޯ ބައިޑަން ކާމިޔާބު ކުރެއްވުމާއެކު މުޅި ދުނިޔެ ކަހަލަ ގޮތަކަށް ތަހުނިޔާ ދެންނެވި އެވެ. މަދު ލީޑަރަކު މެނުވީ ވެދުން ދެންނެވުން ލަސް ނުކުރައްވަ އެވެ. އޭގެ ތެރޭގައި ރަޝިއާގެ ރައީސް، ލަޑިމިއާ ޕޫޓިން ހިމެނިވަޑައިގަންނަވަ އެވެ. ބައިޑަންއަށް މަރުހަބާ ދެންނެވުމަށް ޕޫޓިން ބަޔާނެއް ނެރުއްވާފައި މި ވަނީ ދޮޅު މަހެއްހާ ދުވަސް ފަހުންނެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން ބުނެފައި ވަނީ ރަސްމީ ނަތީޖާ އެނގެންދެން މަޑުކުރާނީ ކަމަށެވެ. މަރުހަބާއާ ވެދުން ދަންނަވާނީ އެއަށް ފަހު ކަމަށެވެ.

އެމެރިކާގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ބޭފުޅަކު ކަށަވަރުކުރަން ދެން ކުރަންޖެހޭ އިތުރު ކަމެއް ނެތެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ޖޯ ބައިޑަންކަން، އިލެކްޓޯރަލް ކޮލެޖް ވޯޓުން ވެސް ވަނީ ކަށަވަރުވެފަ އެވެ.

ޕޫޓިންއާ އެމެރިކާގެ މިހާރުގެ ރައީސް، ޑޮނަލް ޓްރަމްޕް އަކީ، ސިއްރިއްޔާތުގައި، ވަރަށް ގާތް ދެ ބޭފުޅުން ކަމަށް ބުނެވެ އެވެ. ބައިޑަންއަށް މަރުހަބާ ދެންނެވުން ޕޫޓިން ލަސް ކުރެއްވީ ޓްރަމްޕަށް އިންތިހާބު ކާމިޔާބު ވެދާނެ އެއްވެސް ގޮތެއް އޮތްތޯ ބެއްލެވުމަށް ކަމަށް ވެދާނެ އެވެ. ޓްރަމްޕް އަދި ވެސް އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވަ އެވެ.

ޕޫޓިން ނެރުއްވި ބަޔާނުގައި ބައިޑަން އަށް މަރުހަބާ ދަންނަވައި ވިދާޅުވެފައި ވަނީ، އެމެރިކާއާ ރަޝިއާ ގުޅިގެން ދުނިޔެއަށް ކަމެއް ކޮށްދެވިދާނެ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ފަރަގުތަކެއް ހުއްޓަސް، ޒިންމާތަކެއް ވެސް ހުރި ކަމަށެވެ. އެމެރިކާ ގުޅިގެން ކުރިއަށް ދިއުމަށް ރަޝިއާ ތައްޔާރު ކަމަށެވެ.

ރަޝިއާއާ އެމެރިކާއާ ދެމެދު އަބަދުވެސް އޮންނަނީ ގަދަ ބެލުމުގެ ފިކުރެކެވެ. ގުޅުމަށް ފުސް ބުރާފައި ނޯންނަ ޒަމާނެއް ނެތެވެ. ބާރުވެރިކަން ހޯދައި ޖަމާ ކުރުމަށް ހަވަޔާ ފަޒާއިން ފެށިގެން ކަނޑު އަޑީގައި ވެސް ދަނީ ފީނަމުންނެވެ.