ދުނިޔެ

އީރާނަށް ދެރަގޮތް، އޮސްޓްރޭލިއާއަށް މޮޅުގޮތް: ޗައިނާ

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދޭ ފެންވަރަށް ޔުރޭނިއަމް މުއްސަނދި ކުރުން ބޮޑު މައްސަލައަކަށް ވެފައި އެމެރިކާއާ އިނގިރޭސިވިލާތުން އޮސްޓްރޭލިޔާއަށް ނިއުކްލިއާ ސަބްމެރީން ވިއްކުން މައްސަލައަކަށް ނުވާންވީ ކީއްވެތޯ ޗައިނާއިން ސުވާލު ކޮށްފި އެވެ.

ޗައިނާއިން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އުފެއްދޭ ފެންވަރަށް މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމް އޮސްޓްރޭލިއާއަށް ސަޕްލައި ކުރަން އެޓޮމިކް އޭޖެންސީއިން ހުއްދަ ދިން އިރެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ސަފީރު ވިދާޅުވީ އެޓޮމިކް އެނާޖީ އޭޖެންސީން ކަން ބޮޑު ވަނީ އެމެރިކާ ކަންބޮޑުވާ ކަންތަކުގައި ކަމަށެވެ. އެމެރިކާއަށް ކަމެއްގައި ރުހެވިއްޖެ ނަމަ އައިއޭއީއޭއަށް ވެސް އެކަމެއް ހުއްދަވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނަށް އެންމެ މައްޗަށް ޔުރޭނިއަމް މުއްސަނދިކުރަން ހުއްދަ އޮންނަނީ 3.7 ޕަސެންޓަށެވެ. މިއީ އެމެރިކާއާ އިނގިރޭސިވިލާތް އަދި ދުނިޔޭގައި ނުފޫޒުގަދަ ގައުމުތަކުން ކަނޑައަޅާފައި އޮންނަ ހައްދެކެވެ.

އެހެން ނަމަވެސް އެމެރިކާއާ އިނގިރޭސިން އޮސްޓްރޭލިއާއަށް ސަޕްލައިކޮށްދޭ ނިއުކްލިއާ ސަބްމެރީން ހިންގަން 90 ޕަސެންޓަށް މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމް ފޯރު ކޮށްދޭން ވަނީ އެއްބަސްވެފަ އެވެ. މިއީ ނިއުކްލިއާ ބޮމެއް ނުވަތަ ނިއުކްލިއާ ވޯހެޑެއް ޖެހިލުމެއް ނެތި އުފެއްދޭ ފެންވަރެވެ.

އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރީން ފޯރު ކޮށްދެނީ އެމެރިކާއާ އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިން އުފައްދައިގެން އުޅޭ އަސްކަރީ އެއްބާރުލުން، އޯކަސް އިއްތިހާދުންނެވެ. މިއީ ތިން ގައުމުގެ މެދުގައި އަސްކަރީ ގޮތުން އެއްބާރުލުމަށް މަގު ތަނަވަސްކޮށްދޭ އިއްތިހާދެކެވެ.

އަސްކަރީ ގޮތުން އޮސްޓްރޭލިއާ ބާރުވެރި ކުރުވުމަކީ އެމެރިކާއާ އިނގިރޭސިން އަޑީގައި ތިބެގެން މެދުއިރުމަތީގައި، ފަލަސްތީން ބިމުގައި ޔަހޫދީން އާބާދު ކުރުން ކަހަލަ ކަމެކެވެ.

އޮސްޓްރޭލިއާ އަސްކަރީ ގޮތުން ބާރުވެރި ކުރަނީ ދުރު މުސްތަގުބަލަށް ބަލައި ޗައިނާއަށް ރައްދު ދެވޭ ފެންވަރަށް އޮސްޓްރޭލިއާގެ އަސްކަރިއްޔާ ގާބިލު ކުރުމަށެވެ.

ޗައިނާގެ ބުނުމަށް ރައްދު ދެމުން އޮސްޓްރޭލިއާއިން ބުނީ ނިއުކްލިއާ ސަބްމެރީން އުފައްދަނީ އެޓޮމިކް އެނާޖީ އޭޖެންސީން ހުއްދަކުރާ މިންގަނޑުގެ ތެރެއިން ކަމަށާއި ސަބްމެރިން އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ހަތިޔާރުގެ ގޮތުގައި އޮސްޓްރޭލިއާއިން ބޭނުން ނުހިފާނެ ކަމަށެވެ.