ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހަދަން ޖެހޭ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މުއްދަތު ހަމަވާން ކައިރިވީ އިރުވެސް ބައެއް ކައުންސިލްތަކުން ލޭންޑް ޔޫސް ޕްލޭން ހަދާ ނުނިމޭތީ ދެން އަމަލުކުރާނެ ގޮތުގެ ލަފައެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.
ލޭންޑް ޔޫސް ޕްލޭން ހަދަން ލިބުނު މުއްދަތުގައި އެކަން ނުނިމި އޮތުމުން ރަށްރަށުގެ ބިންތައް ދޫކުރުމުގައި ދަތިތަކެއް ހުރުމުން އެކަމާމެދު އަމަލުކުރާނެ ގޮތެއް ހޯދަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އޮތީ ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު މެންދުރު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ބޭއްވި ބައްދަލުުވުމުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ މުއްދަތު ހަމަވިއިރު ވެސް 44 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެއްވެސް ވަރަކަށް ނުނިމެ އެވެ.
އަފްޝަން ވިދާޅުވީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާއިރު އެރަށްތަކުގެ ރައްޔިތުންނާއި އަދި ފަންނީ ބޭފުޅުންގެ ލަފާ ކޮންމެހެންވެސް މުހިއްމު ކަމަށާއި އެހެންކަމުން އެ ޕްލޭން އެކުލަވާލަން އިތުރު ވަގުތު ބައެއް ކައުންސިލްތަކަށް ބޭނުންވާ ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
މިއަދު ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި އެލްޖީއޭގެ ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވީ ކޮވިޑާ ގުޅިގެން ފާސްކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން އަދި މުއްދަތު ނުގުނޭނެ ކަމަށެވެ. އަދި ބިމާ ބެހޭ ގާނޫނަށް ރިއާޔަތްކޮށް ވެސް ކޮންމެހެން ދޫކުރަން ބޭނުންވާ ބިންތައް ބަޖެޓުކޮށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށެެވެ.
ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ މުއްދަތަށް އިހުތިރާމްކުރުމަކީ އަޅުގަނޑުމެން އެންމެންވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ލޭންޑް ޔޫސް ޕްލޭން ހަދަން ވަކި މުއްދަތެއް ދީފައިވަނިކޮށް ގާނޫނު ބަދަލުކުރުމުގެ މާބޮޑު ހައިސިއްޔަތެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެ ހިސާބަށް ނުގޮސް މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށެންވާއިރަށް ކޮމިޓީން ގޮތެއް ނިންމައި ތަޅުމަށް ގެންދަން ބޭނުންވާ ކަމަށެވެ.
ގާނޫނަށް އިސްލާހު ގެނެސް ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މުއްދަތު ގުނާ ގޮތާ ގުޅޭ ގޮތުންނާއި ބިމާ ބޭހޭ ގާނޫނަށް ރިއާޔަތްކޮށް ކޮންމެހެން ދޫކުރަން ޖެހޭ ބިންތައް ދޫކުރުމުގައި ބަޖެޓުކޮށް އެކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ ގާނޫނީ ލަަފައެއް ހޯދަން މިއަދު ކޮމިޓީން ނިންމި އެވެ. އަދި ލޭންޑް ޔޫސް ޕްލޭން ނުހަދާ ރަށްތަކުގެ މައުލޫމާތު މަޖިލީހާ ހިއްސާކުރަން އެލްޖީއޭގައި އެދިފައިވެ އެވެ.