މާލޭގެ ކޮންމެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބްލޮކް ވެރިއަކު ކަނޑައަޅަން މާލެ ސިޓީ ކައުންސިލްއިން ކުރި މަސައްކަތް އެޓާނީ ޖެނަރަލް އޮފީހުން ހުއްޓުވައިފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ރޭ ވީޓީން ގެނެސްދިން "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މުއިއްޒު ވިދާޅުވީ ބްލޮކްވެރިން ހޮވަން މަސައްކަތް ފެށީ ސްޓްރެޓެޖިކް ޕްލޭންއަކާއެކު މާލޭގެ ރައްޔިތުންނަށް ވީހާވެސް ގާތުން ހިދުމަތްތައް ފޯރު ކޮށްދިނުމުގެ ގޮތުން ކަމަށާއި ނަމަވެސް ހަތް މަސް ފާއިތު ވެގެން ދިޔައިރު އެކަން ކުރިއަށް ނުގެންދެވުނު ކަމަށެވެ.
މުއިއްޒު ވިދާޅުވީ ބްލޮކްވެރިން މާލޭ ސިޓީ ކައުންސިލްއިން އުސޫލެއް ވެސް ފާސްކޮށް މިކަމުގެ ހުއްދައަށް އެެދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ނަމަވެސް އެޓާނީ ޖެނެރަލް އޮފީހުން ލަފައަކަށްވީ ބްލޮކްވެރިން ނުހޮވޭނެ ކަމަށެވެ. އަދި އެކަން އެލްޖީއޭއިން އަންގާފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކައުންސިލަރުންނަކީ ހޮވާފައި ތިބި ބަޔަކަށް ވުމާއެކު އިތުރުބަޔަކު ނުހޮވޭނެ ކަމަށް އެންގި ކަމަށާއި ނަަމަވެސް އެއީ ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށެވެ.
"މި އުޅެނީ ކައުންސިލަރުންގެ ޒިންމާތައް އެހެން ބަޔަކަށް ދޭކަށެއް ނޫން. ކައުންސިލަރުންގެ ބެލުމުގެ ދަށުން ރައްޔިތުންގެ ތެރެއިން ހަމަ އިތުރު ބަޔަކު މި ނަގަނީ ހަމަ ކައުންސިލަރުންނާ އެކީގައި ރައްޔިތުންނާއި ވަރަށް ގާތުން ކުދިކުދި ކަންކަމުގައި މަސައްކަތް ކުރުމަށް ބޮޑު ޓީމެއް މި ނަގަނީ. ކޮންމެ ގޮތެއް ވިޔަސް ގާނޫނުގައ ބުނެފައި އޮންނަ ޒިންމާތަކެއް އެހެން ބަޔަކަށް ނުދެވޭނެ، އެެހެން ނަމަވެސް މި ދައްކަނީ ގާނޫނީ ޒިންމާތަކެއް ބަދަލުކުރަން އުޅޭކަަމުގެ އުޒުރު" މުއިއްޒު ވިދާޅުވި އެެވެ.
އެހެން ކަމުން ބްލޮކްވެރިން ހޮވުމުގައި އެއްވެސް ގޮތަކުން ކުރިއެރުމެއް ނުލިބުނު ކަމަށާއި އަދި މިކަމުގައި ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބްލޮކްވެރިން ހޮވުމަކީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދާކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
ބްލޮކް ވެރިން ހޮވަން ނިންމިކަން މާލޭ ސިޓީ ކައުންސިލްއިން އިއުލާންކުރީ މިދިޔަ މޭ މަހު އެވެ. އަދި ބްލޮކްވެރިން ހޮވުމަށް މިދިޔަ އޮކްޓޫބަރު މަހު އިންތިހާބް ބާއްވަންވެސް ނިންމި އެވެ.