މާލޭ ސިޓީ ކައުންސިލް

މިނިސްޓްރީން ނެރުނީ ޒިންމާދާރުކަން ކުޑަ ބަޔާނެއް

މާލެއިން ޕާކިން ސްލޮޓްތައް ސިޓީ ކައުންސިލުން ވިއްކާ ކަމަށް ތުހުމަތުކޮށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކީ ޕާކިން މައްސަލަ ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް މާލޭގައި ޕާކިން އިމާރާތްތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތަންތަން އެޅުމަށް ވަގުތު ނަގާނެތީވެ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ އެކި ދިމަދިމާލުން ޕާކް ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕާކިން މައްސަލަ އަށް ވަގުތީގޮތުން ހައްލެއް ގެނެސްދިނުމަށް މަގުމަތީގައި އާއި ހުސްބިންތަކުގައި ޕާކްކުރެވޭނެ ފުރުސަތު ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އުސޫލެއް ފާސްކޮށް މާލޭގެ މަގުމަތީގައި އާއި ހުސްބިންތަކުގައި ޕާކް ކުރެވޭނެ ގޮތަށް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މާލޭގައި ބޭނުންކުރާ ބައެއް ވެހިކަލްތައް ރަޖިސްޓަރީ ނުކޮށް ހުންނަ ކަމަށާއި އެއީ ރަޖިސްޓަރީކުރަން ގަރާޖެއް ހަމަނުޖެހި ހުންނާތީ ކަމަށް ވިދާޅުވި އެވެ. މާލޭގައި ވެހިކަލް ރަޖިސްޓަރީކުރަން ގަރާޖް ފަސޭހައިން ނުލިބޭ ކަމަށާއި އެކަމަކީ ބޮޑު ވިޔަފާރިއަކަށް ހަދައިގެން ކުރަމުންދާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ގަރާޖު ސިޓީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޭން ހުޅުވާލި ޕާކިން ސޮލޮޓް ލިބޭ މީހަކަށް އެ ސްލޮޓުގައި އެމީހާގެ ވެހިކަލް ރަޖިސްޓަރީކުރުމުގެ ފުރުސަތު ދިނުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަަމަށެވެ. އެއީ އެމީހާއަށް އެ ބިންކޮޅު ލިބުން ނޫން ކަމަށާއި ނުވަތަ ބިން ވިއްކާލުން ނޫން ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ. އުޅަނދުތައް ޕާކް ކުރުމަށް މާލެ އިން ބިން ވިއްކަން ކައުންސިލުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ތަކުރާރުކޮށް މޭޔަރު ވިދާޅުވި އެވެ.

"ޕާކިން ސްޕޭސްގައި ރަޖިސްޓަރީކުރާ ވެހިކަލަށް އެތަނުގައި އޮވެވޭނީ ވަކި މުއްދަތަކަށް. ވެހިކަލް ވިއްކާލައިފިއްޔާ ސްލޮޓްވެސް ގެއްލޭނެ. މުއްދަތު ހަމަވުމުނ އެ ސްލޮޓް އެމީހާ އަތުން ނެގޭނެ. ވެހިކަލް ބާއްވަން ދިން ޖާގަ އަކީ ކައުންސިލުން ބޭނުންވިއްޔާ އެހެން ދިމާލަކަށް ބަދަލުކުރެވޭނެ ތަންތަން. ޕާކިން އިމާރާތް އެޅުމުން ޕާކިން ސްލޮޓްތައް ޕާކިން އިމާރާތަށް ބަދަލުވާނެ." މުއިއްޒު ވިދާޅުވި އެވެ

މޭޔަރު ވިދާޅުވީ ކުއްޔައްދޭ ޕާކިން ސްލޮޓް، ގަރާޖެއް ގޮތުގައި ރަޖިސްޓަރީކުރަން ބޭނުންވާނަމަ 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި މަހު ކުލި ވެހިކަލުން ނަގާ ގޮތަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެއީ ބިން ވިއްކުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް، ދޮގު ވާހަކަތަކެއް ހިމަނައިގެން ރޭގައި ބަޔާނެއް ނެރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

"އެކަހަލަ ދެކޮޅު ނުޖެހޭ ޒިންމާދާރުކަން ކުޑަގޮތެއްގައި ހަގީގަތާއި ހިލާފު ވާހަކަތައް ކައުންސިލާއި މެދުގައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ނޫނީ ނުބައިވިސްނުން އުފެއްދުމުގެ ނިޔަތެއްގައި އެކަހަލަ ވާހަކައެއް ލިޔުއްވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ވެސް ނުކުރެއްވޭ." މުއިއްޒު ވިދާޅުވި އެވެ

ޓްރާންސްޕޯޓުން ނެރުނު ބަޔާން މުއިއްޒު ސިފަކުރެއްވީ ވަަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ގޮތުގަ އެވެ. އަދި އެ ބަޔާނުގައި ވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

ޕާކިން ސްލޮޓްތަކުގެ މައްސަލައިގައި އެލްޖީއޭއިން ވެސް ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގައި ވެސް ކައުންސިލުން ބިން ވިއްކާ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މިއަދު އެލްޖީއޭގެ އިސްވެރިންނާ ބައްދަލުކުރައްވާ އެކަން އޮޅުފިލުވައިދީފައިވާނެ ކަމަށާއި ކައުންސިލުން ބިން ވިއްކަނީ ނޫންކަން އެލްޖީއޭ އަށް މިހާރު ސާފުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޕާކިން ސްލޮޓް ގަރާޖެއްގެ ގޮތަށް ދިނުމަށް އުޅުމުން އެލްޖީއޭއިންނާއި ޓްރާސްޕޯޓް މިނިސްޓްރީން ބަޔާން ނެރެނެ އެ މަސައްކަތް ހުއްޓުވަން މަސައްކަތްކޮށްފައިވާތީ އާއި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާތީ އެފަދަ ކަންކަން ނުކުރަން މިހާރު ކައުންސިލުން ނިންމާފައިވާ ކަމަށެވެ.