މާލޭ ސިޓީގައި ރަޖިސްޓްރީކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަށްޓަކައި ގަވައިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖް ޗެކްކުރުމާއި ގަރާޖްގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާއި ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރިކަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން އިއުލާންކުރީ ސިޓީ ކައުންސިލްގެ މަޝްވަރާއެއް ނެތި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ރޭ ބޭއްވި ހަފުތާ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މަޝްވަރާކުރެވި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައިގެން ގައުމީ އިދާރާތަކުން ސިޓީ ކައުންސިލާ ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްކުރުމަށް ސިޓީ ކައުންސިލް އޮންނާނީ ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާއެއް ނެތި ކުއްލި ގޮތަކަށް މަސައްކަތް ހަވާލުކޮއްފިކަން އިއުލާނު ކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުން އަރާނެ ކަމަށެވެ.
"މަސައްކަތެއް ބަދަލުކުރަންޏާ ކުރެވެންޖެހޭ އެތައް ކަމެއް އޮންނާނެ. މަޝްވަރާތަކެއް ހިނގަންޖެހޭ. ރިސޯސް ބަދަލުކުރެވެންޖެހޭނެ،"
މުއިއްޒު ވިދާޅުވި ގޮތުގައި މަޝްވަރާކޮށް ވަސީލަތްތައް ބަދަލުކުރުމުން އޮގަސްޓް ފުރަތަމަ ދުވަހުން ފެށިގެން ހިދުމަތް ދެވޭނެ އެވެ. ނަމަވެސް އެއްވެސް ވަސީލަތެއް ނުދީ ކުއްލިއަކަށް އިއުލާނު ކުރުމުން އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ކަން އޮތްގޮތް ވަރަ ބޮޑަށް އޮޅޭނެ ކަމަށެވެ.
ގަރާޖް ހުއްދައިގެ މަސައްކަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރިކަން ޓްރާންސްޕޯޓް އޮތޯރިޓިން އިއުލާންކުރީ ޖުލައި 12 ވަނަ ދުވަހު ގެޒެޓްކުރި އިއުލާނެއްގައެވެ. މި އިޢުލާނާ ގުޅިގެން މަސައްކަތް ބަދަލުކުރުމުގެ ކަންކަމުގައި މަޝްވަރާކުރަން މަސައްކަތް ކުރެއްވި ކަމަށާ ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ވަރަށް ގިނަ ދުވަސް ބަންދުވެފައި ހުޅުވޭ ދުވަހެއްގައި ހިދުމަތް ބަދަލުކޮށް ފަށަން ވުމުން ދަތިތަކާކުރިމަތިވާނީ އެގޮތަށް ހިދުމަތް ނުފެށޭނެ ކަމަށް ވިދާޅުވިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނާ ގުޅިގެން ބޭއްވުނު ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ކައުންސިލާ މަޝްވަރާކުރުމަށް ދެންނެވުމަށާއި މަޝްވަރާއިން ގޮތެއް ކަނޑައެޅެންދެން މި މުއްދަތު ފަސްކޮށްދިނުމަށް އެދުމަށެވެ. އަދި ބުރާސްފަތިދުވަހު ވަނީ މަޝްވަރާކޮށް ގޮތެއް ހަމަޖެހެންދެން މުއްދަތު ފަސްކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓަރ އަށް ސިޓީއަކުން އަންގާފައި ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.