ޓްރާސްޕޯޓް މިނިސްޓްރީއާ ގުޅުންހުރި ކަންކަން އަވަސް ކުރުމާ ގުޅޭގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން މޭޔަރު މުއިއްޒު ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީން ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސް ކުރުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން ގަރާޖު ހުއްދަ ދިނުން ފަދަ ކަންކަން ރައްޔިތުންނަށް ފަސޭހަކޮށް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
"ވަރަށް ގިނަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު. ބައެއް ހިދުމަތްތައް ހޯދަން ރައްޔިތުން މި ޖެހެނީ އެކި އިދާރާތަކުގައި ގަނަތެޅެން. އެހެންވީމަ ހިދުމަތްތައް ހޯދުމުގައި ފަސޭހަ ގޮތްތަކެއް ހޯދުން މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ،"
މުއިއްޒު ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ ބިނާކުރަނިވި މުހިއްމު ބައްދަލުވުމެއް ކަމަށެވެ. ސިޓީ ކަައުންސިލްގެ ހުށައެޅުންތަކާއި ގުޅިގެން ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި ކަމަށެވެ. އަދި ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އިންތިހާބު ކުރި ކައުންސިލަރުން މަގާމާ ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ޓެކްސީ ޕާކުކުރާ ސްލޮޓްތަކުގެ އަގު ހެޔޮ ކުރުމާއި މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމުކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމާއި މާލެ ދަފްތަރުގައި ޖެއްސުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ވަނީ ނިންމާފަ އެވެ.
އަދި މާލޭގެ މަގުތައް ބަންދު ކުރުމުގެ ގަވާއިދެއް ހެދުމަށް ނިންމުމާއި މިސްކިތްތަކާއި މާރުކޭޓްތަކުގެ ހާލަތު ބެލުމާއި ގުދަން، ގަރާޖު އަދި ވޯކްޝޮޕްތައް ސިނާއި އަވަށަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މުއިއްޒު ވިދާޅުވީ ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކާ މަޝްވަރާ ކުރައްވާ، އޭގެ ޕްލޭންތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާ ގަރާޖުތަކާއި ވޯކްޝޮޕްތައް ހިންގަން އަލަށް ކުރިމަތިލާ ފަރާތްތަކަށްވެސް ޖާގަ ދޭނެ ކަމަށެވެ.
މީގެ އިތުރުން ވިލިމާލޭގެ ރައްޔިތުންގެ އެދެމުގެ މަތިން އެ އަވަށުގައި 10 ބުރީގެ އިމާރަތް އެޅުމުގެ ހުއްދަ ދިނުމުގެ ގަވާއިދު ހެދުމުގެ މަސައްކަތް ފެށުމާއި ޕާކުތަކާއި މައިޒާން ތަކުގެ އާބަތުރަފިލުވާ މަރާމަތު ކުރުމަށްޓަކައި މިހާރު އެތަންތަން ހުރި ހާލަތު ބަލައި ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.