މާލޭގެ މޭޔަރު

އުމުރު ދުވަހަށް ޕާކިން ސްލޮޓް ވިއްކާ ވާހަކައަކީ ދޮގެއް

އުމުރު ދުވަހަށް ޕާކިން ސްލޮޓް ވިއްކަން ނިންމާ އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ. މުއިއްޒު ވަނީ ޕާކިން ސްލޮޓް ހުޅުވާލަން ނިންމާފައިވާ ނިންމުމާއި ގުޅޭ ތަފްސީލް ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ހަތަރު ފުރޮޅީ ވެހިކަލް އަށް ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށާ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އެ މައްސަލައަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ހޯދާ ދިނުމަށް ކަމަށެވެ. އަދި އެފަދަ ވެހިކަލްތަކަށް ޕާކިން ސްލޮޓެއް ނެތުމުން ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބައެއް މީހުން 80،000 ރުފިޔާއަށް ގަރާޖު ސިޓީ ވިއްކަމުންދާއިރު އެ އަގަށް ގަރާޖު ސިޓީ ގަތަސް ވެހިކަލް ބާއްވަން އެ ތަންތަން ނުލިބޭ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލާ އެގްރީމަންޓް ހަދައިގެން ލިބޭ ގަރާޖް ސްލޮޓްއަކީ ވެހިކަލްގެ އުމުރަށް އެ ވެހިކަލް ބާއްވަން ޔަގީން ކަމާއެކު ދެވޭ ސްލޮޓެއް. އަދި ޕާކިން ބިލްޑިން އަޅާފައި ބިލްޑިން ތެރެއަށް ސްލޮޓް ބަދަލު ކުރުމުގެ ފުރުސަތު ދެވޭނެ،" މުއިއްޒު ވިދާޅުވިއެެވެ.

މޭޔަރު ވިދާޅުވީ ހުޅުވާލާ ޕާކިން ސްލޮޓްތަކުގެ 25 ޕަސެންޓް ހާއްސަ ކުރާނީ ޓެކްސީތަކަށް ކަމަށެވެ. ހުޅުވާލަނީ 1000 ފުރުސަތު ނަމަ އޭގެ ތެރެއިން 250 ސްލޮޓް ޓެކްސީތަކަށް ހާއްސަ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕާކިން ސްލޮޓް ދޫކުރާނީ މާލޭގައި 20 ފޫޓަށް ވުރެ ފުޅާ މަގުތަކުގެ ތެރެއިން މިހާރު ސައިކަލަށް ހާއްސަކޮށްފައިވާ ޒޯންތަކަށް ނާރާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ސްލޮޓްތައް ދޫކުރާނީ ޓްރެފިކަށް ބާރު ބޮޑުނުވާނެ ގޮތަށް ބަލައިގެން ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ސަބަބަކާ ހުރެ މިސާލަކަށް ތަރައްގީގެ މަޝްރޫއެއް ހިންގަން ޖެހިއްޖެނަމަ އެ ސްލޮޓްތައް ނަގަން ޖެހި ބަދަލުކުރަން ޖެހިއްޖެނަމަ އެކަމެއް ސިޓީ ކައުންސިލުން ކުރާނެ،"

މުއިއްޒު ވިދާޅުވީ ޕާކިން ސްލޮޓްތަކަށް އެކަމަށް އެދެވޭނީ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ކަމަށެވެ. އަދި ހުށައަޅާ ޑޮކިއުމަންޓްތައް ވެރިފައި ކުރުމަށް ފަހު ބަޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދައްކާ އެގްރީމަންޓް ކުރެވޭ ގޮތަށް ކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުން ސްލޮޓްތައް ހުރި ތަންތަނާއި ބޭނުންވާ ސްލޮޓްތައް ސެލެކްޓް ކުރެވި އެކަމަށް އެދެވޭ ގޮތަށް ޕޯޓަލް ޑިޒައިން ކުރެވިފައި ހުންނާނެ ކަމަށެވެ.

އެކަމާ ގުޅޭ ރަސްމީ އިއުލާނު ވަރަށް އަވަހަށް ގެޒެޓް ކުރެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.