މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ކައުންސިލަށް ޕާކިން ސްލޮޓް ނުވިއްކޭނެ: ޓްރާސްޕޯޓް

ޓްރާސްޕޯޓް މިނިސްޓްރީގެ ހުއްދަ ނެތި މާލެ ސިޓީ ކައުންސިލަށް ޕާކިން ސްލޮޓް ނުވިއްކޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މާލެ ސިޓީ ކައުންސިލުން އަމިއްލަ މީހުންނަށް ވިއްކުމަށް ނިންމާފައިވާ 1000 ޕާކިން ސްލޮޓާ ގުޅޭގޮތުން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އަމިއްލަ މީހުންނަށް ވިއްކުމަށް ނިންމާފައިވާ 1000 ޕާކިން ސްލޮޓްގެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަަމަށް އައިސްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅާ ހިލޭ ޕާކުކުރެވޭނެ ސަރަހައްދުތަކާއި ވަކި މަގުތަކލުގައި ވަކި ފީ އެއް ނަގައިގެން ޕާކު ކުރެވޭ ސަރަހައްދު ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް މަސްތަކާއި އަހަރުތަކަކަށް ދެމިގެންދާހެން ދިގު މުއްދަތަކަށް ޕާކިން ސްޕޮޓް ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

"ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ހިލޭ ޕާކިން ސަރަހައްދުތަކާއި އަދި ފީ ނަގައިގެން ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި ޕާކިން ސްލޮޓްތައް ގާއިމު ކުތާނެ ތަންތަނުގެ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް މި މިނިސްޓްރީއަށް ހުށައަޅާ ފާސްކުރުމަށް ފަހު އެކަަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އެބައޮތެވެ،" ޓްރާސްޕޯޓްގެ ބަޔާނުގައިވެއެވެ.

އެ މިނިސްޓްރީން ބުނީ އެހެން އެކަން އޮތް ނަމަވެސް ސިޓީ ކައުންސިކުން އެ މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫސް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށައަޅާފައި ނެތް ކަމަށެވެ. އަދި އެފަދަ ހުއްދައަކަށްވެސް އެދިފައިނުވާ ކަމަށެވެ. އެހެން ކަމުން މިނިސްޓްރީން ބޭނުންވާ ހުއްދަޔާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ މީހުންނަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށް ވަނީ ބުނެފައެވެ.

"މަގުމައްޗަކީ ހުރިހާ ރައްޔިތުންވެސް ބޭނުން ކުރާ ތަނަކަށްވީ ހިނދު މަގުން ބައެއް ވަކި މީހަކަށް ވިއްކުމުގެ އިހުތިޔާރު ސިޓީ ކައުންސިލަށް ލިބިގެން ނުވެއެވެ. އަދި މިއީ ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވާތީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ރައްޔިތުންގެ މެދުގައި ތަފާތު ކުރުމަށް ސިޓީ ކައުންސިލުން މިކަމުގައި އަމަލުކުރުމުގެ ޖާގަ ސަރުކާރުން ނުދޭނެ ކަންވެސް މި ފުރުސަތުގައި ދަންނަވަމެވެ. އަދި ގާނޫނާއި ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލުންވެސް މިކަމުގެ ހުއްދަ ނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން އެދޭ ވާހަކަ ދަންނަވަމެވެ،" ޓްރާސްޕޯޓްގެ ބަޔާނުގައިވެއެވެ.