ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ލޯކަލްގަވަރމަންޓް އޮތޯރިޓީން (އެލްޖީއޭ) އިންތިޒާމުކޮށް ބޭއްވި "ކަންކަތި އެވޯޑް 2022" ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ކުރެއްވި މަސައްކަތަކީ ވެސް ހިފެހެއްޓިފައި ހުރި ކައުންސިލުތަކުގެ ބާރުތައް ދޫކޮށްލައި ކައުންސިލްތަކަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުން ކަމަށެވެ.
އަދި ރަށްރަށާއި އަތޮޅުތަކުގެ ތަރައްގީއަށް މީގެ ކުރިން ދުވަހަކުވެސް ނުދޭ ވަރަށް މި ސަރުކާރުން ސަމާލުކަންދޭ ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ގައުމުގެ ތަރައްގީ ގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކާއި ރާއްޖެ ތަމްސީލު ކުރެއްވުމަށް ރާއްޖެއިން ބޭރުގައި ތިއްބަވާ ބޭފުޅުންނަށް ބެލި ނަމަވެސް މީގެ ކުރިން ނުފެންނަ މިންވަރަށް އަންހެނުންގެ ހިއްސާ އިތުރު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަތޮޅެއްގައި ވިޔަސް ރަށެއްގައި ވިޔަސް ތަރައްގީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުން ކަމަށް ވިދާޅުވިއެވެ. އަދި ތަރައްގީ އަށް ކުރެވޭ މަސައްކަތްތަކޭ އެއްވަރަށް އިޖްތިމާއީ ހަމަޖެހުން ގެނައުމާއި ދުޅަހެޔޮ ޒުވާންޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމު ކަމަށް ވިދާޅުވިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ކައުންސިލްތަކުގެ ރޭންކިންގ(2019- 2020) ފޮތް ނެރެދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ "ރަނަހަމާންތި" އަދި "ގަދަހަމާންތީ" ގެ 1 ވަނަ ދަރަޖައިގެ އެވޯޑް(2019 އަދި 2020) ރަށު ކައުންސިލާއި އަދި އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ.
ކަންގަތި އެވޯޑަކީ އެލްޖީއޭއިން ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ދަރަޖަތައް ބަލައި ވަނަވަނައަށް އަންނަ ކައުންސިލުތަކަށް އެ އޮތޯރިޓީން ދެމުން އަންނަ އެވޯޑެކެވެ.