ފައިސަލް ނަސީމް

ނައިބް ރައީސްގެ މެސެޖެއް ކައުންސިލްތަކަށް

Oct 17, 2021
2

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ހިތާމަވެރި ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކަށް ރައްޔިތުން ބޯލެންބުވުމަށް ކައުންސިލްތަކުން މަސައްކަތް ކޮށްދެއްވުމަށް ނައިބް ރައީސް އިލްތިމާސް ކުރައްވައިިފި އެވެ.

ނައިބް ރައީސް އެކަމަށް އިލްތިމާސް ކުރެއްވީ ލ. ދަނބިދޫ ކައުންސިލްގެ މެންބަރުންނާ އެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބް ރައީސް ވިދާޅުވީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެފައި އެކިއެކި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ދުވަސް ވަރެއް ކަމަށެވެ. އެހެންކަމުން ހިތާމަވެރި ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކަށް ރައްޔިތުން ބޯލެންބުވުމަށް ކައުންސިލްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ދަނބިދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ކައުންސިލް އިދާރާ ހިންގުމަށް އައު އިމާރާތެއް ބޭނުންވެފައިވާކަމާއި، ރަށު މިސްކިތުގެ މަރާމާތުގެ މަސައްކަތާއި، ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ ދަތިތައް ފާހަގަކުރެއްވި އެވެ. އަދި ރަށުގެ ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި، ހުރިހާ އުމުރުފުރައަކަށް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއް ހެދުމަށްވެސް ހުށަހެޅުއްވި އެވެ.

މީގެއިތުރުން ރަށުގެ ސިއްހީ މަރުކަޒުގެ ހިންގުމުގައި ހުރި ދަތިތަކާއި، އިންޖީނުގޭގެ މައްސަލަތައް ހައްލުކުރުމާއި، ފެނާއި ނަރުދަމާގެ އިތުރުން ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާބެހޭ އެންމެފަހުގެ މައުލޫމާތު އެ މެންބަރުންނާއި ހިއްސާކުރައްވާފަ އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން މައްސަލަތައް ހައްލުކުރެއްވުމަަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.