ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގީ އެކަން އެގޮތަށް ނުކުރަން ލަފާދީފައިވަނިކޮށް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ކައުންސިލަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ އެލްޖީއޭއަށް އެ މައްސަލަ ބެލޭނީވެސް ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.
ގާނޫނުގައި މިކަން ސާފުކޮށް ބަޔާންކޮށްފައިވާއިރު ކައުންސިލެއްގެ ބަޔާން ބާތިލުކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
"އެލްޖީއޭއަށް ގާނޫނީ ލަފާ އަރުވާ މީހެއްގެ ހައިސިއްޔަތުން ދަންނަވާފައި އޮންނާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުން އެލްޖީއޭއަށް އެހެން އެގޮތަށް ނުކުރެވޭނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.
އުޝާމް މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 29 ވަނަ ދުވަހު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލުކުރަން އެލްޖީއޭ އިން އަންގާފައިވަނިކޮށެވެ.
ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އަންގައި އެލްޖީއޭ އިން އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށްވެސް ވަނީ ނިންމާފަ އެވެ.
އެލްޖީއޭގެ އިންޒާރާއި ގުޅިގެން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ އެލްޖީއޭގެ މި އަމަލު މަޖިލީހުން ބަލާނެ ކަމަށެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލުކުރުމަށް އަންގައި އެލްޖީއޭ އިން އެ ރަށު ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސްގެ ދަތުރުފުޅުތަކާ ގުޅިގެން އެފަދަ ބަޔާންތައް ނެރުމުގެ ބާރު ކައުންސިލްތަކަށް ނުލިބޭ ކަމަށެވެ.