ދުނިޔެ

ބައިޑަންއަށް ތާލިބާނުންގެ އިންޒާރެއް

ތާލިބާނުންނަކީ ކޮންބައެއްކަން އެމެރިކާއަށް ދަސްނުވީތީ ހިތާމަކުރާ ކަމަށް ތާލިބާނުން ބުނެފި އެވެ.

ތާލިބާނުންގެ ތަރުޖަމާން އަލްޖަޒީރާއަށް ބުނި ގޮތުން އަފްޣާންގައި އެޖަމާއަތުން ކުރާ އެއްވެސް ކަމެއްގެ ތެރެއަށް ބައިޑަން ސަރުކާރުން ވަދެ ގޯނާކޮށްފި ނަމަ ހިތުން ނުފިލާވަރުގެ ހަމަލާއެއް ދޭނެ އެވެ.

ތަރުޖަމާން ބުނީ މިއީ ބައިޑަން ސަރުކާރަށް ދޭ ނަސޭހަތެއް ކަމަށާއި އިންޒާރެއް ކަމަށް ބެއްޔަސް ހެޔޮ ކަމަށެވެ. ތާލިބާނުން ގާއިމުވެ ތިބި ހިޔާވަހިތަކަށް އެމެރިކާއިން ބޮންއެޅީ ކޮން ބޭނުމެއްގައިތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

އެމެރިކާގެ ބީ52 ބޮންއަޅާ ބޯޓުތަކުން ހޮނިހިރު ދުވަހު ތާލިބާނުންގެ ގަދަބާރުތަކަށް ވަނީ ބޮންއަޅާފަ އެވެ. އަފްޣާން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ފަވާދު އަމާން ވިދާޅުވި ގޮތުން ހަމަލާތަކުގައި ތާލިބާނުންނަށް ބޮޑެތި ގެއްލުތަކެއް ވަނީ ލިބިފަ އެވެ.

އެމެރިކާއިން ތާލިބާނުްނަށް ބޮންއެޅީ ހަނގުރާމަވެރިންގެ ދުވެލި ހުއްޓުވާލާށެވެ. އެހެން ނަމަވެސް އެތަނެއް ނުފެނެ އެވެ. އޭގެ ފަަހުން ވެސް ބައެއް ޕްރޮވިސްތަކަށް ތާލިބާނުން އަރައިގަނެ ވެރިކަންކުރާ އަވަށްތަކެއް ވަނީ ހިފާފަ އެވެ.

ތާލިބާން ޕޮލިޓިކަލް އޮފީހުގެ ތަރުޖަމާން ބުނީ މީގެ 20 އަހަރު ކުރިން އެމެރިކާ ސިފައިން އަފްޣާނަށް އެރިއިރު ތާލިބާނުންގެ ކިބާގައި ނެތް ބާރުވެރިކަން މިހާރު އެބަހުރި ކަމަށާއި އެހާ ގިނަ ދުވަސްވަންދެން އަފްޣާންގައި ތިބެ ތާލިބާނުން ބަލިނުކުރެވުނު ބަޔަކަށް ގައުމުން ބޭރުގައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

އަފްޣާން ސަރުކާރުން ތާލިބާނުންނާއެކު ސުލްހަވުމަށް އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށާއި އަފްޣާންގައި މިހާރު ހިނގަމުންދާ ހަރަކާތްތަކުގައި މީހުން މަރުވަނީ އަފްޣާން ސަރުކާރުގެ ރޭވުންތެރިކަމެއް ނެތުމުން ކަމަށް ތާލިބާނުން ބުނެ އެވެ.

ތާލިބާނުން ބުނަނީ އަފްޣާން ބިމުގައި ލޭއޮހޮރުވުމަކީ ކުރާހިތްވާ ކަމެއް ނޫން ކަމަށާއި އެގައުމުގައި މިހާރު އޮތް ސަރުކާރު ފޭއަށް ޖެހިލައި އާ ސަރުކާރަކަށް ތަންދޭން ޖެހިފައި އޮތް ކަމަށެވެ. އެޖަމާއަތުން ބުނާ ގޮތުން އަފްޣާނަށް ސުލްހަ ގެނެވޭނީ ސިޔާސީ އެއްބަސްވުމަކުން ކަމަށާއި ތާލިބާނުން ނެތް ސަރުކާރެއް ނުހިނގާނެ ކަމަށެވެ.