ދުނިޔެ

ޗައިނާއަށް ފާޑުކީ މިސް ކެނެޑާއަށް މިސް ވޯލްޑު މުބާރާތް ގެއްލެނީ

މިސް ކެނެޑާ އަނަސްޓާސިއާ ލިން، ޗައިނާގެ އިންސާނީ ހައްގުތަކުގެ މައްސަލައިގާ އެގައުމަށް ފާޑުކިޔާތީ އޭނާއަށް މިސް ވޯލްޑުގައި ބައިވެރިވެވިދާނެ ކަމާމެދު ސުވާލު އުފެދި ފުރުސަތު ހަނި ވެއްޖެއެވެ.

އަންނަ މަހު ޗައިނާގެ ސަންޔާގައި ބާއްވާ ދުނިޔޭގެ ރީތީގެ މުބާރާތް، މިސް ވޯލްޑުގެ ދައުވަތު ޗައިނާ ސަރުކާރުން ވަނީ ލިން ނޫން އެހެން ހުރިހާ ބައިވެރިންނަށް ފޮނުވާފައެވެ. މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މި މަހު 23 ގައި އޮންނަ އިރު މުބާރާތުގެ ދައުވަތު އަދިވެސް ނުލިބޭތީ ވިސާއަށް އެދުމުގެ ފުރުސަތު މިހާރުވެސް ލިން އަށް ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ.

އުމުރުން 25 އަހަރުގެ ލިން އަކީ ޗައިނާއަށް އުފަން ކެނެޑާ ރައްޔިތެކެވެ. މިސް ކެނެޑާގެ ތާޖު މިއަހަރުގެ މޭ މަހު ކާމިޔާބުކުރި ލިމް އަކީ ޗައިނާގައި ހިނގާ އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަ ތަކުގައި ސަރުކާރަށް ފާޑުކިޔުމުގައި ފާހަގަ ކުރެވޭ ފަރާތެކެވެ. އަދި ހުޅަނގުގެ ތަރުހީބު މިކަމާހެދި އޭނާ އަށް ލިބެމުންދާ ފަރާތެއް ވެސް މެއެވެ.

ލިން އަށް މިސް ވޯލްޑުގައި ބައިވެރި ނުވެވިއްޖެނަމަ ކެނެޑާގެ ފަރާތުން މި މުބާރާތަށް އެހެން ބައިވެރިއެއް ނުފޮނުވާނެ ކަމަށް ކެނެޑާއިން ވަނީ ބުނެފައެވެ.

ލިންގެ ބައްޕަ އާއި އާއިލާގެ ބައެއް މެންބަރުން އަދިވެސް ޗައިނާގައި އެބަ ތިއްބެވެ. ލިން މިސް ކެނެޑާ ކާމިޔާބު ކުރުމުން ޗައިނާ ސަރުކާރުން ވަނީ އޭނާގެ ބައްޕައާ ބައްދަލު ކޮށްފައެވެ. އަދި ޗައިނާއަށް ފާޑު ކިޔުން ހުއްޓާލުމަށް ލިން އަށް އެންގުމަށާއި އެހެން ނޫން ނަމަ ދެރަ ގޮތްތަކެއް މެދުވެރި ވެދާނެ ކަމަށް ބުނެ ސަރުކާރުގެ އޮފިޝަލުން އިންޒާރު ކޮށްފައިވާތީ ލިން ގެ އާއިލާ ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ލިން ބުނީ އޭނާއަށް މި މުބާރާތުގައި ބައިވެރި ނުވެނުނަސް ހައްގުތަކާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ހުއްޓާނުލާނެ ކަމަށެވެ. އަދި މިސް ވޯލްޑުގެ ފަރާތުން ޗައިނާ ސަރުކާރާ މިކަމާ މެދު ވާހަކަ ދައްކައި ހައްލެއް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށް ލިން ބުންޏެވެ.