ކުރިޔަށް އޮތް އަހަރު ތެރޭގައި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ނައިބްރައީސް ފައިސަލް ނަސީމާއި ޖަފާނުން ރާއްޖެއަށް ކަނޑއަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔާނާ ހިއްސާކުރައްވައިފި އެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނައިބު ރައީސްގެ އަރިހަށް މިއަދު ވަނީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
މި ބައްދަލު ކުރެއްވުމުގައި، ރާއްޖެއާއި ޖަޕާނާ ދޭތެރޭ ގާއިމުވެފައިވާ ޒަމާންވީ ރަހްމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ. މިގޮތުން، ޖަޕާނު ސަފީރު ވަނީ ވެކްސިން ހަދިޔާކުރުމުން ފެށިގެން ބޮޑެތި އެކި މަޝްރޫއުތައް ހިމެނޭހެން އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބައްލަވައިލައްވާފައެވެ.
މީގެ އިތުރުން ޖަޕާނުގެ ސަފީރު ވަނީ ކުރިޔަށް އޮތް އަހަރު ތެރޭގައި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ. މިގޮތުން، ދެބޭފުޅުން ވަނީ ސީ އެމްބިއުލާންސް ހޯދުމާއި، ކުނި ނައްތާލުމުގެ ދާއިރާއިން އަދި މީހުން ބިނާކުރުމުގެ ދާއިރާއިން މަޝްވަރާކުރައްވާފައެވެ.
ނައިބް ރައީސް ވަނީ ޖަޕާނު ސަރުކާރުން އެކި ދާއިރާތަކުން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ. އެގޮތުން ޖަޕާންގެ އެހީތެރިކަމުގައި މާލެ ވަށާ ލާފައިވާ ބޭރިތޮށީގެ މަޝްރޫއު ފާހަގަކުރެއްވި އެވެ.
"މީހުން ބިނާކުރުމާއި، ހާއްސަކޮށް ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަކީ ރައީސް ސޯލިހްގެ މުހިންމު އެއް ރިޔާސީ ވައުދުފުޅު. ޖަޕާނު ސަރުކާރުގެ އެހީތެރިކަމުގައި ހިންގާ މަޝްރޫއުތަކުގެ އެދެވޭ ނަތީޖާ މުޖުތަމައަށް ނުހަނު ބޮޑަށް ކުރޭ." ނައިބް ރައީސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެ ގައުމުގެ ކޮވިޑް-19ގެ އެންމެ ފަހުގެ ހާލަތާއި ބެހޭގޮތުން މަޝްވަރާކުރައްވައި، ވީހާ ވެސް އަވަހަށް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.