އައްޑޫ ފްލައިން ސްކޫލް

ފްލައިން ސްކޫލް ހިންގަން އެވިޑަށް ހުއްދައެއް ނުދެން: ސިވިލް އޭވިއޭޝަން

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ސްރީލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ) އިން ހިންގަމުން ދިޔަ، ފްލައިން ސްކޫލް ހިންގުމާ މިހާރު ހަވާލުވެފައިވާ އެވިޑް ކޮލެޖަށް އެ ސްކޫލު ހިންގުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.

ފްލައިން ސްކޫލުގެ ހިންގުމާ ގުޅޭގޮތުން ސުވާލުކޮށް މީހަކު ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ޖަވާބުގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ފްލައިން ސްކޫލް ހިންގުމަށް އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެޕްރޫވަލް ލައިސަންސް އެވިޑް ކޮލެޖަށް ދީފައި ނުވާނެ ކަމަށެވެ.

ރާއްޖޭގެ ޕައިލެޓް ލައިސެންސްގެ ބޭނުމަށްޓަކައި ކޯސްތައް ހިންގޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެޕްރޫވަލް ހޯދައިގެންނެވެ.

އޭއޭއޭގެ ހިންގުން ގޯސްވެ ކުރިމަތިވި ފިއްތުންތަކާ ގުޅިގެން މިދިޔަ ޖޫން މަހު ފްލައިން ސްކޫލު އެވިޑްގެ ދަށަށް ބަދަލުކުރި އެވެ. އެވިޑުން އޭރު ބުނީ އެ ސްކޫލު އެ ކޮލެޖުގެ ދަށަށް ބަދަލުކުރީ އޭއޭއޭގެ އަތުން ހުރިހާ އެސެޓެއް ގަތުމަށްފަހު ކަމަށެވެ. ނަމަވެސް ސިވިލް އޭވިއޭޝަނުން އެކަން ދޮގުކުރެ އެވެ.

ސިވިލް އޭވިއޭޝަނުން ބުނީ އޭއޭއޭ އިން އެވިޑާއެކު ހެދި އެގްރިމަންޓްގެ ދަށުން އެވިޑްގެ ހަމައެކަނި ޒިންމާ އަކީ ފްލައިން ސްކޫލް މެނޭޖްކުރުން ކަމަށެވެ.

"ފްލައިން ސްކޫލް ގަތްކަމަށް ބުނެ އެވިޑުން ދެއްކި ވާހަަކަތަކާ ގުޅިގެން ގިނަ ބަޔަކަށް ވާނުވާ އޮޅިފައި. އެހެންވެ އަޅުގަނޑުމެން މިދިޔަ މަހު 17 ވަނަ ދުވަހު އޭއޭއޭ އަދި އެވިޑް ކޮލެޖުގެ ބޭފުޅުންނާ ބައްދަލުވެސް ކުރިން. އަދި ދެންނެވިން އޭއޭއޭ އަށް ދޫކޮށްފައިވާ ހުއްދަތައް އެހެން ބަޔަކަށް ޓްރާންސްފާ ނުކުރެވޭނެ ކަމަށް. އޭގެ މާނައަކީ ހުރިހާ ޓްރެއިނިންތަކެއް ކުރިއަށް ގެންދަން ޖެހޭނީ އޭއޭއޭގެ ދަށުންނޭ" ސިވިލް އޭވިއޭޝަންގެ ސިޓީގައި ބުނެފައިވެ އެވެ.

ފްލައިން ސްކޫލް ހިންގަން އޭއޭއޭ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު އެވިޑް ކޮލެޖަށް އެ ސްކޫލު ހިންގަން ނުދޭން އެ އެއާޕޯޓުން އޮތީ ނިންމާފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެތަން ހުސްކުރުމަށް ވެސް އޮތީ އަންގާފަ އެެވެ. ނަމަވެސް އަދިވެސް އެތަން ހުސްކޮށްފައެއް ނުވެ އެވެ.

އެވިޑް ކޮލެޖުން މިއަދު ބުނީ ފްލައިން ސްކޫލް އެހެން ސަރަަހައްދަކަށް ބަދަލުކުރުމަށް މިހާރު ވިސްނަމުންދާ ކަމަށެވެ.