އައްޑޫގައި ހިންގާ ފްލައިން ސްކޫލާ މޯލްޑިވްސް އޭވިއޭޝަން އެކެޑަމީއިން ހަވާލުވި ފަހުން އެ އެކެޑަމީގައި ބޭނުންކުރަން ފުރަތަަމަަ ފަހަރަށް ބޯޓެއް ގެނެސްފި އެވެ.
މޯލްޑިވްސް އޭވިއޭޝަން އެކެޑަމީއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަލަށް ގެނައި ބޯޓު މާލެ ގެެނެސް އައްޑޫ ގަން އެެއާޕޯޓަށް ގެންދިއުމަށް މިހާރު ދަތުރު ފަށައިފައިވާ ކަމަށެވެ.
އެެކެޑަމީން އިތުރަށް ބުނީ އަލަށް ގެނައި ބޯޓުގެ ބައިތައް ރާވައި މަދު ހަފްތާތަކެއްގެ ތެރޭގައި އުދުހުންތައް ފެށޭނެ ކަމަށެވެ.
"ޓެސްޓް އުދުހުންތައް ފަށަން މިތިބީ ކެތް މަދުވެފައި" އޭވިއޭޝަން އެކެޑަމީގެ ޓުވީޓުގައި ވެއެވެ.
އޭވިއޭޝަން އެކެޑަމީއިން ފްލައިން ސްކޫލާ ހަވާލުވި އިރު ކުރިން އެ ސްކޫލުގައި ބޭނުންކުރި ބޯޓުތައް ހުރީ ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. އަދި ކުރިން ފްލައިން ސްކޫލް ހިންގި އިރު ބައެއް ބޯޓުތައް ވެއްޓުމުގެ ހާދިސާތައް ވެސް ހިނގާފައި ވެެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިން ފްލައިން ސްކޫލެއް ހިންގުމަށް ފަހު އެ ސްކޫލުގެ އެއްބަސްވުން ސަރުކާރުން އާ ނުކޮށްދިނުމުން ފަހުން އެ ތަނާ ހަވާލުވެ ރީ ބްރޭންޑްކޮށް މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެވެ. މި އެކެޑަމީ ހިންގަނީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާ ގުޅިގެން ނެވެ
ކުރިން އޭއޭއީން ކިޔެވި ދަރިވަރުންގެ ކިޔެވުން މެދުކެނޑި ގިނަ ދުވަސްތަކެއް ވެފައިވާތީ އޭވިއޭޝަން އެކެޑަމީން މިހާރު ދަނީ އެ ދަރިވަރުންނަށް ރިފްރެޝިން ކޯހެއް ހިންގަމުން ނެވެ. މިއީ އެއީ ދަރިވަރުން ޓްރެއިނިންއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުގެ ސަބަބުން ދަރިވަރުންނަށް ތަމްރީނު ލިބިފައިހުރި މިންވަރު ވަޒަންކުރުމުގެ ގޮތުން ހިންގާ ކޯހެކެވެ. އެ ކޯހުގައި ކިޔަވަން ލޯނުވެސް ދޫކޮށްފައި ވެއެވެ.
އޭއޭއީގަިއ ކުރިން ކިޔެވި ދަރިވަރުން މިހާރު ދަނީ ދަރިވަރުންގެ ކޯސް ނުނިމި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން މަސައްކަތްވެސް ފަށައިފަ އެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ގައެވެ.
ފްލައިން ސްކޫލުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އަދި ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ. އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވާ ފްލައިން ސްކޫލުގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.