އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނިންމުމަށް އެހީ ތެރިވުމުގެ ގޮތުން ސަރުކާރުން ލޯނު ދޭން ނިންމައިފި އެވެ.
ފްލައިން ސްކޫލުގެ ކަންތައްތަކާ މިހާރު ހަވާލުވެގެން އުޅޭ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ މިއަދު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބައްދަލުވުމެއް ވަރަށް ފަހުން ބޭއްވި ކަމަށާއި އަދި ފިނޭންސް މިނިސްޓްރީ މެދުވެރުކޮށް ދަރިވަރުންގެ ކިޔެވުން ފުރިހަަމަ ކުރުމަށް ލޯނެއް ހަމަޖައްސަދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށެވެ.
މޯލްޑިވިއަންއިން ފްލައިން ސްކޫލު ހިންގަން ނިންމާފައި ވަނީ ޗެކު ރިޕަބްލިކްގެ އެކަޑަމީއަކާ ގުޅިގެނެވެ. އަދި ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ތަފްސީލުތަކެއް ހޯދަން ޕޯޓަލްއެއް ގާއިމްކޮށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތުތަކެއް ހިއްސާކުރުމުގެ ފުރުސަތު ދީފައވާ ކަމަށް ޖެނީފާ ވިދާޅުވި އެވެ.
ޖެނީފާ ވިދާޅުވީ ކޯސް ފުރިހަމަ ނުކުރެވި ތިބި 85 ދަރިވަރަކު މިހާރު ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްްޓްރީ ކޮށްފައިވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ ދަރިވަރުންގެ ކިޔެވުން ގިނަ ދުވަހަށް މެދުކެނޑިފައި އޮތުމުން މިހާރު މަސައްކަތް ކުރަމުންދަނީ ކަސްޓަމައިޒްޑް ޕްރޮގްރާމެއް ހިންގަން ކަމަށެވެ.
"އެހާ ގިނަ ދުވަސްވީމަ އަޅުގަނޑުމެން އެބަ ޖެހޭ ރިފްރެޝިން ޕްރޮގްރާމެއް ކުރިއަށް ގެންދަން. ދެން މިއަހަރު ނިމުމުގެ ކުރިން ރިފްރެޝިން ޕްރޮގްރާމް ފެށޭނެ. ދެން ފްލައިން އަންނަ އަހަރު ފެށޭނެކަމަށް ބެލެވޭ" މިހާދު ވިދާޅުވި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާފަ އެވެ.
އޭގެ ފަހުން ފްލައިން ސްކޫލާ ހަވާލުވީ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފެެއްދި ޖޮއިންޓް ވެންޗާ ކުންފުނިން ނެވެ. އަދި ފްލައިން ސްކޫލު ހިންގުމަށް ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" އޮތީ ހަވާލުކޮށްފަ އެވެ. ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.
އޭއޭއޭ އައިގެ 178 ދަރިވަރުންނަށް ތަފާތު މައްސަލަތައް ކުރިމަތިވެ ކިޔެވުން މެދުކެނޑިފައި އޮންނަތާ އެތައް މަހެއް ވަނީ ވެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އޮކްޓޫބަރު މަހު ވަނީ އޭއޭއޭގެ ދަރިވަރުންނާ ބައްދަލުކުރައްވާ ޑިސެމްބަރުގައި ދަރިވަރުންގެ ކިޔެވުން ފެށޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.