މޯލްޑިވިއަން

އައްޑޫއާއި ކޫއްޑޫއާ ދެމެދު ދަތުރުތައް ފަށަނީ

އައްޑޫ ސިޓީއާއި ގއ. ކޫއްޑޫއާ ދެމެދު ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

މިދަތުރުތައް ފަށާނީ މިއަހަރުގެ އޮކްޓޫބަރު 29 ވަނަ ދުވަހު އެވެ. ކޮންމެ ހަފްތާއަކު ވެސް ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު އެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކޮށް، އެ ސަރަހައްދުގެ އިގްތިސާދު ވަރުގަދަ ކުރުމެވެ.

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުތަކުން ގުޅާލުމާ ގުޅިގެން އައްޑޫ ސިޓީގެ ގަމަށް ދަތުރުކުރަމުންދާ ސްރީލަންކަން އެއާލައިންސްގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ގއ. އަދި ގދ. އަތޮޅުތަކުގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ދަތުުރުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

އައްޑޫ ސިޓީއާއި ގއ. ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާތީ މިދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.