އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ) އިން ހިންގަމުން ދިޔަ ފްލައިން ސްކޫލްގެ އިމާރާތް ހުސްކުރުމަށް ދިން މުއްދަތު ހަމަވެފައިވާތީ އެ ސްކޫލް އެހެން ސަރަަހައްދަކަށް ގެންދިއުމަށް ވިސްނަމުންދާ ކަމަށް އެ ސްކޫލް ހިންގުމާ މިހާރު ހަވާލުވެފައިވާ އެވިޑް ކޮލެޖުން ބުނެފި އެވެ.
ނަމަވެސް އޭއޭއޭ އާއި އެކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެތަން ހިންގަން އިތުރު އެއްވެސް ބަޔަކަށް ފުރުސަތު ނުދޭން ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ނިންމާފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެ އިމާރާތް ހުސްކުރަން އޭއޭއޭ އަށް އޮތީ އަންގައިފަ އެވެ. އެކަމަކު މުއްދަތު ހަމަވި އިރުވެސް އިމާރާތް ހުސްކޮށްފައެއް ނުވެ އެވެ.
އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު އަވަސް އަށް މިއަދު ވިދާޅުވީ ގަން އެއާޕޯޓުން ޖާގަ ނުލިބޭނަމަ އެތަނުގައި ދާއިމީކޮށް ތިބުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށެެވެ. ހަމަ އެހެންމެ އެހެން ސަަރަހައްދުތަކަަށް ފްލައިން ސްކޫލު ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އެކަމަކު ދާން ބަލާއިރުވެސް ދެވޭނީ ޓައިމްލައިނެއްވެސް އޮވެގެން. އެންމެ ބޮޑުކަމެއް ބޭނުންވަނީ އެކުދިންނަށް ނިންމަން. ދެން ނިންމައި ދޭންވެސް އެތާ ތިބެން ނެތިއްޔާ ކޮންމެވެސް ވަރެއްގެ ޓައިމްލައިންއެއް ލިބިގެން ކަން ނޭނގެ އެހެން ތަނަކަށްވެސް މޫވް ކުރެވޭނީ. އެކަމަށް ވެސް އެވިޑުން ވިސްނަމުން ދަނީ." މުޝްތާގު ވިދާޅުވި އެވެ.
ނަމަވެސް ފްލައިން ސްކޫލް ބަދަލުކުރަން ނިންމާފައިވާ ވަކި ތަނެއްގެ މައުލުމާތު މުޝްތާގު ހިއްސާކުރައްވާފައެއް ނުވެ އެވެ.
މުޝްތާގު ފާހަގަކުރެއްވި ގޮތުގައި ފްލައިން ސްކޫލު އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެކެވެ. އެވިޑުން މިވަގުތު މަސައްކަތް ކުރަމުން ދަނީ މިހާރު ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ފުރިހަމަކޮށްދެވޭނެ ގޮތެއް ހޯދުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
"އަދި އަޅުގަނޑުމެންނަކަށް ނުލިބެ އެންމެ ރުފިޔާއެއް ވެސް. އަޅުގަނޑު ދަންނަވާލަން އޮތީ އެވިޑް ކޮލެޖަށް މީގެ ވިޔަފާރިން އެއްވެސް ފައިދާއެއް ނުވާނެޔޭ އެތަނަށް އާ ކުދިން ނަގާ ދުވަހުން ނޫން ގޮތަކަށް،" މުޝްތާގު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފްލައިން ސްކޫލުގެ މައްސަލަ ހައްލުކުރަން ޕްލޭނެއް ހުށަހަޅަން ރައީސް އޮފީހުން އެވިޑް ކޮލެޖުގައި އެދުނު ކަމަށެވެ. އެފަދަ ޕްލޭނެއް ހަދައި ފޮނުވާފައިވާނެ ކަމަށާއި މިހާރު މަޑުކޮށްގެން ތިބީ ރައީސް އޮފީހުގެ ޖަވާބެއްގެ އިންތިޒާރުގައި ކަމަށެވެ. އަދި ސަރުކާރުން ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދެރައެއް ނުދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު އަވަސް އަށް ވިދާޅުވީ އިމާރާތް ހުސްކުރުމުގެ މަސައްކަތް ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޭއޭއޭއަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭއޭއޭ އަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ފްލައިން ސްކޫލު ހިންގި ބަޔަކަށް ވާތީ މަސްލަހަތު ނުގެއްލޭ ފަދަ ގޮތަކަށް އެކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެެވެ.
އޭއޭއޭގެ ފްލައިން ސްކޫލު މިހާރު ހިންގަމުންދަނީ އެވިޑް ކޮލެޖުން ނަމަވެސް އިމާރާތް ހުސްކުރުމާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް ކުރިއަށް ގެންދަނީ އޭއޭއޭއާ އެކު ކަމަށް ގައިސް ވިދާޅުވި އެެވެ. އެކަމަކު އޭގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންގެ ކޯސްތައް ނުނިމި ދިގުލައިގެން ގޮސްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ބައެއް ދަރިވަރުން ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.
އޭއޭއޭ އިން އައްޑޫ ފްލައިން ސުކޫލް ހިންގި ދުވަސްވަރު އެތަނުގައި އެތައް މައްސަލައެއް ކުރިމަތިވެ، ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެ މައްސަލަ ބަލައި އޭޭއޭއޭގެ އިސް ދެ ވެރިޔަކަށް ފިޔަވަޅު އެޅުއްވުމަށް މިދިޔަ މެއި 11 ވަނަ ދުވަހު އަންގަވާފަ އެވެ.
އޭގެ ފަހުން މިދިޔަ ޖޫން މަހު އެވިޑު ކޮލެޖުން ވަނީ އޭއޭއޭގެ ފްލައިން ސްކޫލުގެ ހުރިހާ އެސެޓެއް އެ ކޮލެޖަށް ގަނެ އެވިޑް އޭވިއޭޝަން ފެކަލްޓީ އުފައްދާފަ އެވެ. އަދި އޭއޭއޭ އިން ހިންގި އޭވިއޭޝަން ސްކޫލުގެ ނަން އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އަށް ބަދަލު ކުރި އެވެ.