އެވިޑް ކޮލެޖް

އެވިޑް ކޮލެޖުން އޭއޭއޭ އާއި އެކު ހެދި އެއްބަސްވުން ބާތިލްކޮށްފި

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ހުރިހާ އެސެޓެއް ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމަށްވާ، އެވިޑް ކޮލެޖުން ގަނެ ފްލައިން ސްކޫލެއް ހިންގަންވި އެއްބަސްވުން ބާތިލް ކޮށްފި އެވެ.

އެއްބަސްވުން ބާތިލްކުރިކަން މިއަދު ހާމަކުރެއްވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މުސްތާގު ވިދާޅުވީ އޭއޭއޭ އާއި އެވިޑް ކޮލެޖާއި ދެމެދުގައި ވެވުނު އެއްބަސްވުން މިއަދުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އައްޑޫ ފްލައިން ސްކޫލް ނުވަތަ އޭއޭއޭގެ އެއްވެސް ކަމެއްގައި އެވިޑް ކޮލެޖުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

މުސްތާގު ވިދާޅުވީ އެއްބަސްވުން އުވާލަން މެދުވެރިވީ ފްލައިން ސްކޫލްގެ މައްސަލައާއި ގުޅުންހުރި ބައެއް މުއައްސަސާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރިއަށް ދެވޭނެ ކަމަށް ގަބޫލުނުކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެން ޕްލޭނެއް ވެސް ހެދިން. ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާ ވެސް ކުރިން. ނަމަވެސް ޕްލޭނާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ނުފެނި ދެ މަހާއި ބައި ވެގެން މި ދިޔައީ،" މުސްތާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭއޭއޭ އާއި އެކު ހެދި އެއްބަސްވުން ބާތިލް ކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެވިޑްގެ އަމިއްލަ ފްލައިން ސްކޫލެއް ތައާރަފް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ފްލައިން ސްކޫލެއް ފަށަން ރާއްޖޭން ބޭރު ފްލައިން ސްކޫލްތަކާއި މަޝްވަރާކޮށް ވާހަކަދައްކާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މަސައްކަތްކުރިން ފްލައިން ސްކޫލްގެ ދަރިވަރުންނަށް ރަނގަޅު ގޮތެއް ހޯދައިދޭން. ނަމަވެސް ދެ މަހުގެ ތެރޭގައި އަތުން އެތައް މިލިއަން ރުފިޔާއެއް ވަނީ ގޮސްފައި،" މުސްތާގު ވިދާޅުވި އެވެ.

އޭއޭއޭގެ ހިންގުން ގޯސްވެ ކުރިމަތިވި ފިއްތުންތަކާ ގުޅިގެން މިދިޔަ ޖޫން މަހު ފްލައިން ސްކޫލު އެވިޑްގެ ދަށަށް ބަދަލުކުރި އެވެ. އެވިޑުން އޭރު ބުނީ އެ ސްކޫލު އެ ކޮލެޖުގެ ދަށަށް ބަދަލުކުރީ އޭއޭއޭގެ އަތުން ހުރިހާ އެސެޓެއް ގަތުމަށްފަހު ކަމަށެވެ.

ނަމަވެސް އޭއޭއޭ އިން ފްލައިން ސްކޫލު ހިންގި ދުވަސްވަރު ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދަރިވަރުން މައްސަލަ ހުށަހަޅާފައިވާ އިރު އެކަމާ ގުޅޭ ކޯޓު ލިޔުންތަކުން އެނގޭ ގޮތުގައި އޭއޭއޭގެ އަތުން ފްލައިން ސްކޫލު ގަނެފައެއް ނުވެ އެވެ. ކަމާ ގުޅޭ ލިޔުންތައް އަވަސްއަށް ވެސް ލިބިފައިވާ އިރު އެ ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި އެވިޑު ކޮލެޖާއެކު އޭއޭއޭ އިން ކުރި މުއާމަލާތަކީ ވިޔަފާރި ވިއްކާލުމުގެ މުއާމަލާތެއް ނޫނެވެ.