ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ދޭ ލޯނު ދޭން ނިންމާފައިވަނީ މެރިޓް އުސޫލުގެ މަތިން އެންމެ މަތިން ނަތީޖާ ހޯދާފައިވާ 10 ކުދިންނަށް ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިހެން ބުނެފައި މިވަނީ ފާއިތުވެދިޔަ އަހަރު 500 އަށް ވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވުމާއެކު، އެހާ ގިނަ ދަރިވަރުން ޕައިލެޓުކަން ކިޔަވަިއގެން ރާއްޖެ އައިސް ވަޒީފާ ނުލިބިދާނެ ކަމުގެ ޝަކުވަތަކާއި ކަންބޮޑުވުން ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ކަމާބެހޭ އިދާރާތަކުން ފާޅުކޮށްފައިވުމުގެ ސަބަބުންނެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ މިސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި ލޯނަށް ކުރިމަތިލި މީހުންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފަ އެވެ.
މި ލިސްޓުގައި ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންވެސް ހިމެނެ އެވެ. އެކަމަކު ލޯނަށް ޝަރުތު ހަމަވި ދަރިވަރުންގެ ތެރެއިން ޕައިލެޓް ލައިސެންސަށް ކިޔަވަން ކުރިމަތިލި މީހުންގެ ޖާގަތަކެއް މިވަގުތަށް މިނިސްޓްރީން ވަނީ ހިފަހައްޓާފަ އެވެ. މި ޖާގަތައް މިވަގުތަށް ހިފަހައްޓާފައިވަނީ އެއް ދާއިރާ އަކުން ގިނަ އަދަދެއްގެ ކުދިން ކިޔަވައި ނިމިގެން އައުމުން ވަޒީފާ ހޯދުމުގައި ކުރިމަތިވާނެ ދަތިތަކެއް ހުރި ކަމަށް ބުނެ ސިވިލް އޭވިއޭޝަން މިނިސްޓްރީންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.
"އެހެންކަމުން މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނުދޭން ހުޅުވާލީ އެންމެ 10 ފުރުސަތު. އެއީ ރާއްޖޭގެ ފްލައިން ސްކޫލްގައި ކިޔެވުމަށް،" ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
ސްޓޫޑެންޓް ލޯންގެ ތެރެއިން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އެ ދަރިވަރަކު ޝަރުތު ހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހްތިޔާރުވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދީފަ އެވެ.