ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ފްލައިން ސްކޫލް ދަރިވަރުންގެ ރިފްރެޝިން ކޯހަށް ލޯނު ދެނީ

އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްގެން ހިންގާ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ފަށާ ރިޕްރެޝިން ކޯހަށް ދައްކަން ޖެހޭ ފައިސާ މިނިސްޓްރީ އިން ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

އައްޑޫ ފްލައިން ސުކޫލްގައި ދައިވަރުންނަށް ނުކިޔެވި އެތައް ދުވަހެއް ވޭތުވެފައިވާއިރު، ފްލައިން ސުކޫލް ހިންގުމާ ހަވާލުވި އައިލެންޑް އޭވިއޭޝަނުން ނިންމާފައި ވަނީ ފުރަތަމަ ދަރިވަރުންނަށް ރިފްރެޝިން ކޯހެއް ހިންގުމަށެވެ. އެއީ ދަރިވަރުން ޓްރެއިނިންއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުގެ ސަބަބުން ދަރިވަރުންނަށް ތަމްރީނު ލިބިފައިހުރި މިންވަރު ވަޒަންކުރުމުގެ ގޮތުން ހިންގާ ކޯހެކެވެ.

އެ ކޯހުގެ ފީއަކީ 1500 ޑޮލަރު ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. ވަރަށް ބޮޑު ތަކުލީފުތަކެއްގައި އެ ދަރިވަރުން އުޅެމުން އައި ކަމަށާއި އަދިވެސް ދަރިވަރުންނަށް ލުއިކޮށްދެވެން އޮތް ގޮތަކަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އެ ފައިސާ ލޯނުގެ ގޮތުގައި ދޫކުރާނެ ކަމަށާއި އަނބުރާ ދައްކަން ދަރިވަރުންނަށް ދީފައިވާ މުއްދަތަކީ އެ ދަރިވަރުން ކިޔަވާ ނިމުނު ދުވަހަކުން ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. އިބްރާހިމް ވިދާޅުވީ އެ ކޯހަށްފަހު ދެން އެ ދަރިވަރުންގެ ކިޔެވުމަށް ހަރަދުވާ ފައިސާ ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެ ކުދިންނާމެދު ނިންމާފައިވާނީ އާދަޔާ ހިލާފު ނިންމުމެއް. އެއީ އެކުދިން ކިޔެވީ ވަރަށް ތަކުލީފުގައި ކަމުން، އެކުދިން ކިޔަވާ ނިމުނު ދުވަހަކު އެ ފައިސާ ދެއްކޭގޮތަށް ވާނީ ހަމަޖައްސައިދީފަ،" ޑރ. އިބްރާހިމް ވިދާޅުވި އެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންނަށް ލޯނު ދޫކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ ކުރިން ވިދާޅުވެފައި ވަނީ ދަރިވަރުންގެ ކިޔެވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބައްދަލުވުމެއް ވަރަށް ފަހުން ބޭއްވި ކަމަށާއި އަދި ފިނޭންސް މިނިސްޓްރީ މެދުވެރުކޮށް ދަރިވަރުންގެ ކިޔެވުން ފުރިހަަމަ ކުރުމަށް ލޯނެއް ހަމަޖައްސަދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށެވެ.

އެ ކުންފުނިން ފްލައިން ސްކޫލު ހިންގަން ނިންމާފައި ވަނީ ޗެކު ރިޕަބްލިކްގެ އެކަޑަމީއަކާ ގުޅިގެނެވެ. އަދި ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ތަފްސީލުތަކެއް ހޯދަން ޕޯޓަލްއެއް ގާއިމްކޮށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތުތަކެއް ހިއްސާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލާފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާފަ އެވެ.

އޭގެ ފަހުން ފްލައިން ސްކޫލާ ހަވާލުވީ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފެެއްދި ޖޮއިންޓް ވެންޗާ ކުންފުނިން ނެވެ. އަދި ފްލައިން ސްކޫލު ހިންގުމަށް ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" އޮތީ ހަވާލުކޮށްފަ އެވެ. ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

އޭއޭއޭ އައިގެ 178 ދަރިވަރުންނަށް ތަފާތު މައްސަލަތައް ކުރިމަތިވެ ކިޔެވުން މެދުކެނޑިފައި އޮންނަތާ އެތައް މަހެއް ވަނީ ވެފަ އެވެ. ރައީސް ސޯލިހް މިދިޔަ އޮކްޓޫބަރު މަހު ވަނީ އޭއޭއޭގެ ދަރިވަރުންނާ ބައްދަލުކުރައްވާ މިމަހު ދަރިވަރުންގެ ކިޔެވުން ފެށޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.